ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ބޭރުގެ ފަރާތްތަކުން ކުރިމަތިކޮށްފާނެ ނުރައްކަލަކަށް ދިވެހި ސިފައިން އަބަދުވެސް ތިބޭނީ ތައްޔާރަށް ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެ އެވެ.
"އަހާ" ގެ 8 ވަނަ ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ސިފައިން ކިތަންމެ މޮޅު ތަމްރީނެއް ހަދައިގެން ތިބި ނަމަވެސް ސިފައިންނަށް ޕާފޯމް ކުރެވޭނީ ބޭނުންވާ އެންމެހާ ވަސީލަތްތަށް ހަމަޖައްސައިދެވިގެން ކަމަށެވެ.
އެގޮތުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިފައިންނަށް ބޭނުންވާ އެކި ވަސީލަތްތަށް ގާއިމުކޮށްދެއްވަމުން ގެންދަވާ ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ދާދިފަހުން ތުރުކީން ހިލޭ މަނަވަރެއް ލިބިފައި ކަމަށާއި، ހަމައެއާ އެކު އޮސްޓްރޭލިއާ ސަރުކާރުން ވެސް ހިލޭ މަނަވަރެއް ދެއްވާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށާއި،. ބައެއް އުޅަނދުތައް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވަނީ ސީއެމްބިއުލާންސްގެ ހިދުމަތް ދެމުން ދަނީ ވެސް ސިފައިން ކަން ފާހަގަކުރައްވާ، އެ ހިދުމަތް ފުޅާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން އިތުރު 12 ސީއެމްބިއުލާންސް ބަނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވި، ބޭރުގެ ފަރާތަކުން ދީފާނެ ހަމަލާއަކަށް ނުވަތަ އެފަދަ އެހެން ހާލަތަކަށް ފުރިހަމައަށް ތައްޔާރަށް އޮތްކަމަށެވެ.
ރާއްޖޭގެ ބޮޑު ސަރަޙައްދަކީ ކަނޑުގެ ސަރަޙައްދުކަމަށްވުމާއެކު، ކަނޑުތައް ބެލެހެއްޓުމަށްޓަކައި ރާއްޖޭގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.