މަސްތުގެ ހާލަތުގައި ހުރެ، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވައި، ފުލުހުން މަޑުކުރަން އެންގުމުން ފިލަން މަސައްކަތްކޮށް ފުލުހުންގެ ވެހިކަލެއްގައި ޖެއްސި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އޮކްޓޫބަރު 4 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ހައްޔަރުކޮށްފައިވަނީ ކ. މާފުށީ، ސްނޯސްކައި، 26 އަހަރުގެ އަހްމަދު ފާރިޒް އެވެ.

ފުލުހުން ބުނީ، އޮކްޓޫބަރު 4 ވަނަ ދުވަހުގެ ފަތިހު 03:52 އެހައިކަންހާއިރު، ހެލްމެޓް ނާޅައި، ސައިކަލުމަތީގައި އޮށޯވެގެން ނުރައްކާތެރިކޮށް ހުޅުމާލެއިން މާލެއަށް ހައިވޭގައި ސައިކަލެއް ދުއްވާފައިދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން، އެމީހާ ދެނެގަނެ، މާލޭގެ ޓްރެފިކް ލައިޓް ކައިރިން މަޑުކުރުމަށް ފުލުހުން އެންގުމުން، އެ އެންގުމަށް ތަބާނުވެ ބޮޑުތަކުރުފާނުމަގުން އޭނާ ބާރު ސްޕީޑުގައި ދުއްވާފައި ފިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ވެހިކަލް އޭނާގެ ފަހަތުން ގޮސް ތަކުރާރުކޮށް މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރުގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ފުލުހުންގެ ކާރަށް ގެއްލުންތަކެއް ލިބިފައިވާއިރު، އެކްސިޑެންޓަށްފަހު ސައިކަލު ދޫކޮށް އެ ސަރަހައްދުން އޭނާ ފިލާފައިވީ ނަމަވެސް، މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ކުރި މަސައްކަތުން، މާލެ، މޫންލައިޓް ހިނގުމުން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކުރި އަހްމަދު ފާރިޒަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެފައިވާ މީހެއް ކަމަށެވެ. އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނޭކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުންގެ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.