ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު ތަންފީޒުކުރުމުގެ މިންގަނޑު ސާފުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ، ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާއި ކުއްޔަށްހިފުމާ ގުޅޭގޮތުން ކުއްޔަށްހިފާ ފަރާތާއި، ކުއްޔަށްދޭ ފަރާތުގެ ހައްގުތަކާއި އިލްތިޒާމްތައް ބަޔާންކުރުމާއި، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ކުލީގެ މުއާމަލާތްތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނު ކަމުގައިވާ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު ވަނީ 18 ނޮމްބަރ 2021 ގައި ގެޒެޓުކުރެވިފައި ކަމަށެވެ.
އެ ގާނޫނު ގެޒެޓު ކުރެވި އަމަލުކުރަންފެށިތާ 4 އަހަރާއި 10 މަސްދުވަސް ފާއިތުވެފައިވާކަން ފާހަގަކުރައްވައި ކުޑޫ ވިދާޅުވީ، އެގާނޫނުގެ ބެލެނިވެރި ފަރާތްކަމަށްވާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ އިން އެގާނޫނުގެ ދެވަނަ ބާބު، ގާނޫނު ހިންގުމުގައި ބަޔާންކޮށްފައިވާ ޤަވާއިދުތައް އެކުލަވާލާފައިވާ ކަމަށެވެ.
އެގޮތުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ތެރޭގައި، ދިރިއުޅުމައްޓަކައި ކުއްޔައްދޭ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތައް ތަފްސީލުކޮށް ބަޔާންކުރާ ގަވާއިދާއި، ދިރިއުޅުމައްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާއިބެހޭ އާންމު ގަވާއިދާއި، ކައުންސިލްތަކުން ޝަކުވާ ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ އިތުރުން ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި ފްލެޓްތައް ފަދަ ތަންތަން ކުއްޔަށް ދިނުމުގައި ޢަމަލުކުރާނެ ހާއްސަ އުސޫލުތަކާބެހޭ ގަވާއިދު ހިމެނެއެވެ.
މީގެ އިތުރުން ބޯޑިންގ ހައުސްގެ ގޮތުގައި ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކާބެހޭ ގަވާއިދާއި، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަން އިންސްޕެކްޓު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ވެސް ވަނީ ހިމަނާފައެވެ.
އެހެކަމުން ކުޑޫ ވަނީ، ގޯތި ގެދޮރާއި ގުޅޭ ގާނޫނެއް ހެދިފައިވާއިރު އާއި އެއާއި ގުޅުންހުރި ގަވާއިދުތައް ހެދިފައިވާއިރު، އެކަންކަން ތަންފީޒުކުރެވެމުންދޭތޯ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީ މެދުވެރިކުރައްވައި، ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ އިން ސާފުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.