ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރު ފުރަތަމަ ޖަލްސާއަށް ރަސްމާލެއާ ގުޅޭ ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިއީ، ރަސްމާލޭގައި ރެސިޑެންސީ ޕްރޮގްރާމެއް ހިންގަން ޔޫއޭއީގެ އީގަލްސް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް އާންމުކުރުމަށް ގޮވާލައްވައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެކެވެ.

މައްސަލަ ހުށަހަޅުއްވަމުން މީކައީލް ވިދާޅުވީ، 251 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަންވާނީ ގާނޫނުގެ މަތިން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނުގައި ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 29 ވަނަ މާއްދާގައި މައުލޫމާތު ހޯދުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވީހިނދު، ރަސްމާލޭގައި ތަރައްގީ ކުރުމަށް ރާވާފައިވާ، މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމެންޓުގައި ސަރުކާރާއި ޔޫއޭއީގެ އީގަލްސް ހިލްސް ކުންފުންޏާދެމެދު ސެޕްޓެމްބަރު 21 ވަނަ ދުވަހު ސޮއި ކޮށްފައިވާ އެއްބަސްވުމާ ގުޅިގެން މަޝްރޫއު ކުރިއަށްދާ ވަރަކަށް ތަފްސީލީ އުސޫކުތައް އެކުލަވާލާނެ ކަމަށް ބަޔާންކޮށް އެއްބެސްވުމުގެ ތަފްސީލުތައް ހާމަކޮށްފައި ނުވާ ކަމަށެވެ.

ރަސްމާލެ އަކީ ރާއްޖޭގެ މުސްތަގުބަލުގެ ތަރައްގީއާ ގުޅިފައިވާ ގައުމުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް ސަރުކާރުން މި މަޝްރޫއު ކުރިއަށްގެންދަން އުޅޭ ގޮތުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް މީކައީލް ވިދާޅުވިއެވެ.

1. ޔޫއޭއީގެ އީގަލްސް ހިލްސް ކުންފުންޏާ ދެމެދު ސެޕްޓެމްބަރު 21 ވަނަ ދުވަހު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ތަފްސީލު އާންމުކޮށްފައި ނުވުން، 2. ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށް ފަހު ބިން ހިއްކަން ހޭދަވި ރުފިޔާ އަނބުރާ ދައުލަތަށް ނުލިބޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވުން، 3. ރަސްމާލެ ހިއްކާފައިވާ 500 ހެކްޓަރަށް ވުރެއް ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލްސް ހިލްސް ކުންފުންޔަށް ދީފައި އޮތުން، 4. އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހ ގޮތަށް އެއްބަސްވުން އެކުލަވާލާފައި އޮތުން، 5. އެ ބިމުގައި ތަރައްގީ ކުރާ، ތަންތަން ތިންވަނަ ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގެ ރޯލް އިން ލީސް އިންޓްރެސްޓް އުފެއްދުމުގެ ހައްގު އީގަލްސް ހިލްސް އަށް ލިބޭ ގޮތަށް އެއްބަސްވުން، 6. މިފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ ދައުލަތުގެ މުދަލާއި، މާއްލިއްޔާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަކަށް ވުން"

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް

މީކާއީލް ވިދާޅުވީ، މި ކުއްލި މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިވު އަދާކުރުމުގެ ގޮތުން ކަންކަން ދެނެގަތުމަށް އެ އެއްބަސްވުމާއި ގުޅޭ ފުރިހަމަ ތަފްސީލު އާންމު ކުރުމަށް ސަރުކާރަށް ގޮވާލައްވާ، އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބަހުސް ކުރައްވަމުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަނީ މި މައްސަލަ އަކީ ވަރަށް މުހިންމު މައްސަލައެއްކަން ފާހަގަކުރައްވާފައެވެ. އަދި އޭނާ ވަނީ ރާއްޖެއަށް ދިމާވާ ހުރިހާ މައްސަލަތަކަކީ ރަސްމާލޭގެ ސަބަބުން ދިމާވާ މައްސަލަތަކެއް ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

މި ދިވެހި ރާއްޖެއަށް ދިމާވެފައިވަ ހުރިހާ މައްސލައެއްގެ އަސްލަކީ ރަސްމާލެ. މި ގައުމަށް ދިމާވެފައިވާ އިގްތިސޯދީ ކާރިސާއަކީ ރަސްމާލެއޭ، އޭގެ އަސްލަކީ މިއަދު ވެރިކަމުގައި ހުރި ނާގާބިލު، ގަމާރު ރައީސުލްޖުމްހޫރިއްޔާ"

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މީގެ އިތުރުން މި މައްސަލައަށް ބަހުސްކުރައްވަމުން އިންގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާހު ވިދާޅުވީ، މީގެ ކުރިން އެމްޑީޕީއަށް ރަސްމާލެ ފެނުނީ ތާކުންތާކުން ނުޖެހޭ، ދައުލަތުން ބޭކާރު ގޮތުގައި ކުރާ ވަރަށް ބޮޑު އިސްރާފެއްގެ ގޮތުގައި ކަމަށެވެ.

އެއްވެސް މީހަކު ދިރިއުޅެން ނުދާނެ، އެއްވެސް އިންވެސްޓަރަކު އެތަނަށް އިންވެސްޓު ނުކުރާނެ ދައުލަތުން ކުރާ އިސްރާފެއްގެ ގޮތުގައި، އެހެންނަމަވެސް މިއަދުގެ ކުއްލި މައްސަލައިން އެބަ ފާހަގަވޭ މިއަދު އެމްޑީޕީއަށް ރަސްމާލޭގެ ފަސްގަނޑު ފެންނަނީ ބޮޑު ރަންގަޑެއްގެ ސިފައިގަ."

އިންގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާހު

މި މައްސަލައަށް ބަހުސްކުރައްވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވަނީ ފޮރިން އިންވެސްޓްމެން ރާއްޖެއަށް ގެންނަން ޖެހޭ ކަމަށާއި އެކަމަށް ދެކޮޅު ނުހަދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފޮރިން އިންވެސްޓްމެން ރާއްޖެއަށް ގެނައުމުގެ އެއްބަސްވުންތައް އާންމު ކުރަން ޖެހޭ ކަމަށް އަބްދުލްގަފޫރު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންނަށް ފޮރުވާފައި ބާއްވަން ޖެހޭނެ އެއްޗެއް މި ގައުމަކުއެއް ނެތް. މިއީ ރައްޔިތުންގެ ގައުމެއް، ހާމަ ނުކުރެވިގެން މިއުޅެނީ މީގައި ފޮރުވިފައިވާ ހަގީގަތްތަކެއް އޮތީމަ. އެހެންނޫން ނަމަ މިހާރު ސޮއި ކޮށްފަ އޮޕތް އެމްއޯޔޫވެސް ރައްޔިތުންނަށް ހާމަކުރަންވީ ނޫންތޯ؟"

ހަނިމަދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)

އެމްޑީޕީގެ ފަރާތުން ބަހުސް ކުރެއްވި ހުރިހާ މެމްބަރުންވެސް ވަނީ މި މައްސަލައާ ގުޅުންހުރި އެއްބަސްވުމުގެ ތަފްސީލުތައް އާންމުކުރުމަށް ގޮވަލައްވާފައެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް ފައިދާ ވާނަމަ އެ އެއްބަސްވުމަށް ތާއީދުކޮށް، އެއްބާރުލުން ދޭނެ ކަމަށްވެސް އެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.