މިސްރުގެ ޖީޒާ ގަވަރނަރޭޓްގައި، އަމިއްލަ ފިހާރަ ކުރިމަތީގައި މިދިޔަ ހޮނިހިރު ދުވަހު މަޑުކޮށްލައިގެން ހުރި 25 އަހަރުގެ އަޙްމަދު ރަޖަބަށް ފެނުނީ ނުރައްކާތެރި މަންޒަރެކެވެ.

ސީސީޓީވީ ވީޑިއޯއިން ފެންނަ ގޮތުގައި، ކައިރީ އިމާރާތެއްގެ ދެވަނަ ފަންގިފިލާގެ ބެލްކަނީން އޭރު ދިޔައީ ކުޑަކުއްޖަކު ވެއްޓެމުންނެވެ. ވެއްޓެމުން ދިޔަ އެކުއްޖާ ބެލްކަނީގައި އަންނައުނު ހިއްކަން ދަމާފައިވާ ރޯނުގައި ޖެހި ކުޑަ ވަގުތުކޮޅަކަށް މަޑުޖެހިލައެވެ. އެއާއެކު ފިހާރަ ކުރިމަތީ ހުއްޓިގެން ހުރި ރަޖަބަށް ކުއްޖާ ސަލާމަތްކުރުމަށް ވަގުތު ލިބުނީއެވެ. އެ ކުއްޖާ ވެއްޓި ބިމުގައި ޖެހުމުގެ ކުރިން ރަޖަބު ވަނީ ދުވެފައި ގޮސް އެ ކުއްޖާ ހިފާފައެވެ. އެ ކުއްޖާއަށް ބޮޑު އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އިންޓަނެޓްގައި އެތައް ބަޔަކު ވަނީ ރަޖަބުގެ ހިތްވަރަށް ތައުރީފުކޮށް، އޭނާ ހީރޯއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

"ހިނގާނެ ނުރައްކަލަކާ މެދު ވިސްނާކަށް ވަގުތެއް ނުލިބުނު. ސިކުނޑީގައި އޮތީ އެންމެ ޚިޔާލެއް. އެ ކުޑަ ކުއްޖާ ބިމުގައި ޖެހުމުގެ ކުރިން ސަލާމަތްކުރުން." މިސްރުގެ ޓީވީ ޝޯ އަލް ޙިކާޔާ އަށް ދިން އިންޓަވިއުއެއްގައި ރަޖަބު ބުނެފައި ވެއެވެ.

ރަޖަބު ބުނި ގޮތުގައި، އެންމެ ފުރަތަމަ އޭނާއަށް އިވުނީ ހަޅޭކެއްގެ އަޑެވެ. އަދި އުމުރުން 4 އަހަރުގެ އެ ކުއްޖާ އަންނައުނު ހިއްކަން ދަމާފައި އޮތް ރޯނުގައި ޖެހިފައި އޮއްވާ ފެނުނު ކަމަށް އޭނާ ބުނެއެވެ.

ރަޖަބު ވަނީ ދަރިން ބެލްކަނީގައި އެކަނި ނުބޭތިއްބުމަށާއި، ގޮނޑި ފަދަ ތަކެތި ބެލްކަނީ ކައިރީގައި ނުބެހެއްޓުމަށާއި ފިލްމުން ފެންނަ ސުޕަރހީރޯމެން ކޮޕީ ނުކުރުމަށް ކުދިންނަށް ނަސޭހަތްދިނުމަށް މައިން ބަފައިންނަށް އިލްތިމާސްކޮށްފައެވެ.