ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަން ނިމުނު އިރުވެސް މަރު ކޮމިޝަންގެ މަސައްކަތްތަކަށް ވަކިގޮތެއް ނުނިންމަވާ ކަމުގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގެ 8 ވަނަ ފޯރަމްގައި ގެއްލުވާލާފައިވާކުރީގެ ނޫސްވެރިޔާ އަޙުމަދު ރިޟުވާން ޢަބްދުاللهގެދައްތަ ފާތިމަތު ޝެހެނާޒް، މަރު ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، ކުރީގެ ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރުވެސް އެ ކޮމިޝަންގެ މަސައްކަތްތަކަށް ވަކިގޮތެއް ނިންމާފައި ނުވާ ކަމަށާއި، އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހުވެސް މަރު ކޮމިޝަންގެ މަސައްކަތްތައް ފުރިހަމަ ކުރުމަށްޓަކައި މުއްދަތު އިތުރު ކުރުމަށް އިރުޝާދު ދެއްވިކަމަށެވެ.

އުޝާމް ވިދާޅުވީ ބައެއް މައްސަލަތަކުގެ ރިޕޯޓްތައް ފުރިހަމަ ކުރެއްވުމަށްފަހު މަރު ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަމަށާއި، އަދި ރައީސް ޑރ. މުއިއްޒު އެ ރިޕޯޓްތައް ދިރާސާ ކުރުމަށް ހަވާލުކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ރިޟްވާންގެ މައްސަލައަކީ އޭގެތެރެއިން އެއް މައްސަލަކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ، އެ ރިޕޯޓްތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައިގައި މަރު ކޮމިޝަނުން ވަނީ ދެތިން ވާޝަންގެ ރިޕޯޓްތަކެއް ތައްޔާރުކޮށްފައި ކަމަށާއި، މީގެތެރެއިން އާންމު ކުރެވޭނީ ކޮން ރިޕޯޓްތަކެއްތޯ ބެލުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

އެ ރިޕޯޓްތައް އެކުލަވާލާފައި ހުރިގޮތާއި، ރިޕޯޓްތަކަށް މައުލޫމާތު ދީފައި ހުރިގޮތުން އިންޓެލިޖެންސްގެ ސިއްރު މައުލޫމާތު ހިމެނޭ ބައެއްކަންކަން އެބަހުރި ކަން ފާހަގަ ކުރައްވައި އުޝާމް ވިދާޅުވީ، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ. ނިންމާލުމަށްފަހު އަޅުގަނޑުގެ ލަފާ ރައީސް އަށް އަރުވާނަން. ރައީސް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ނިންމަވާނީ އެ ރިޕޯޓް އާއިލާއާ ހިއްސާކުރުމާ ގުޅޭގޮތުން ގޮތެއް."

ބަންޑާރަނައިބު އަޙްމަދު އުޝާމް

އިތުރަށް ވިދާޅުވީ މިކަމާ ގުޅޭގޮތުން މި ހަފުތާގައި ރިޟްވާންގެ އާއިލާގެ ބޭފުޅުންނާ ބައްދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މަރާލެވިފައިވާކަމަށް ތަހުގީގަށް ސާބިތުވެފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރާއި ގުޅިގެން މަރު ކޮމިޝަނުން ނިމިދިޔަ ސަރުކާރުން 2022 ވަނަ އަހަރު އެންމެ ފަހުން އެކުލަވާލި ރިޕޯޓުގައި ބުނީ، ރިޟްވާން ހުޅުމާލޭގައި ދިރިއުޅުނު އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން ކާރަށް އެރުވުމުގެ ތެރޭގައި ވެއްޓުނު ވަޅިއަކީ މުހިއްމު ހެއްކަކަށް ވެފައިވާ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އެ ވަޅި ބޭރަށް ފޮނުވައިގެން ވަނީ ތަހުލީލުތަކެއް ހަދައިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، އޭނާ ދޯންޏަކަށް އެރުވުމަށްފަހު ކަރުބުރިކޮށްލާފައިވާ ކަމަށާ އޭނާ މަރާލި މީހުންނާއި ޔާމީން ރަޝީދު މަރާލި މީހުންނަކީ އެއް ބައެއްކަން އެނގިފައިވާކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.