ހެވީ ވެހިކަލްތައް ބޭނުންކުރުމުގައިވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭންޖެހޭ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށް ގެންދިޔަ " އަހާ ފޯރަމް" ގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ސްކޫލްގެ ވަގުތުގައި ވިޔަސް ގިނައިން ރައްޔިތުން މަގުމަތީގައި ހެވީ ވެހިކަލްތައް ބޭނުން ކުރުމުގައާއި އެއްޗެއްހި އަރުވާ ބޭލުމުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭންވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.
އާންމު ފަރުދުންގެ ރައްކާތެރިކަމަށްޓަކައި ވިޔަފާރިވެރިންނާ މީގެ ކުރިންވެސް މަޝްވަރާ ކޮށްފައިވާނޭ ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އޭރުގައި ވަކި ގަޑިއެއް ހަމަޖައްސައި، ގަޑިތައް ކޮންޓޮރޯލު ކުރުމުން ވިޔަފާރިވެރިންގެ ޝަކުވާތައް ވަރަށް ބޮޑަށް އައިކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ގޭގެއަށް ގޭސް ފޯރުކޮށް ދިނުމުގައާއި، ފެން އުފުލުމުގައި ވެސް އެ ކުންފުނިތަކުން ވަރަށް ބޮޑެތި މައްސަލަތަކެއް ޖައްސަމުން ދިޔަ ކަމަށެވެ. ހަމައެއާއެކު ސްކޫލް ވަގުތު ތަކުގައި ހެވީ ވެހިކަލް ވަނުމުން ސްކޫލްތަކުގެ ޓީޗަރުންނާއި މެނޭޖް މެންޓާއި، ބެލެނިވެރިންނަށް ވެސް ވަރަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެހެން ކަމުން ވަޒީރު ވަނީ ވިޔަފާރީގެ ބޭނުންތަކަށާއި، ކޮންސްޓްރަކްޝަންގެ އެކި ބޭނުން ތަކަށް ހެވީ ވެހިކަލް ބޭނުން ކުރުމުައި އާންމު ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް އިލްތިމާސް ކުރައްވާފައެެވެ.