މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފިންލިޓް ފެސްޓް 2026 ގެ ކުރެހުމުގެ މުބާރާތައް ކުރެހުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކުގައި ކުޑަކުދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެމްއެމްއޭ އިން ބުނީ، ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ދެ ކެޓަގަރީއަކުން ވާދަކުރެވޭނެ ކަމަށެވެ. އެގޮތުން އެއީ ގްރޭޑް 5އިން 7އަށް އަދި ގްރޭޑް 8އިން 9ގެ ކެޓަގަރީއެވެ. މި މުބާރާތުގައި ޑިޖިޓަލް ކުރެހުންތަކާއި ޑިޖިޓަލްނޫން ކުރެހުންތައް ވެސް ބަލައިގަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ފަސް ތީމަކަށް ކުރެހުން ހުށަހެޅިދާނެ ކަން ފާހަގަކޮށް އެމްއެމްއޭއިން ބުނީ، އެއީ މާލީ ދުޅަހެޔޮކަމާއި ވިސްނުންތެރިކަމާއެކު ފައިސާގެންގުޅުމާއި، ފައިސާ ރައްކާކުރުމާއި މުސްތަގުބަލުގެ އަމާޒުތަކާއި، އެންމެން ބައިވެރިވާ މާލީ އިގްތިސާދާއި، އީޖާދުތަކާއި ކުރިމަގުގައި ފައިސާގެ އިތުރުން ރައްކާތެރި ޒިންމާދާރު ދެމެހެއްޓެނިވި މާލީ ނިޒާމު ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭ އިން ބުނީ، ފިންލިޓް ފެސްޓް ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހަޅައިގެން 3000 ރުފިޔާއާ ހަމައަށް އިނާމު ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މި މުބާރާތަށް ހުށަހެޅޭ ކުރެހުންތަކުން ހޮވާލެވޭ ބައެއް ކުރެހުންތައް އެމްއެމްއޭގެ އެކިއެކި އިވެންޓްތަކާއި ހޭލުންތެރިކަމުގެ ކެންޕޭނުތަކުގައި ވެސް ބޭނުންކުރާނެކަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފައިވެއެވެ.
މި މުބާރާތަށް ކުރެހުން ހުށަހަޅާނީ[email protected]އަށް އީމެއިލް މެދުވެރިކޮށް ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ކުރެހުމުގެ އަސްލު ފޮނުވައިގެންނެވެ. ކުރެހުން ހުށަހެޅުމުގެ ސުންގަޑިއަކީ 1 ނޮވެންބަރު 2026ގެ 23:59އެވެ.