އަމިއްލަ ވެހިކަލްތަކުގައި މާލެ އަދި ހުޅުމާލެ ވެމްކޯގެ ރިސޯސް ރިކަވަރީ ސެންޓަރަށް ގެނެސް ކުނި އުކާލުމުގެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސައިފިއެވެ.

ވެމްކޯ އިން ނެރުނު އިއުލާނެއްގައި ބުނީ، މާލެ އަދި ހުޅުމާލޭގައި އެ ކުންފުނިން ދެމުންގެންދާ ގާކުނޑި ( ސީ.އެން.ޑީ ވޭސްޓް) އުކާލުމުގެ ހިދުމަތް މިހާރަށް ވުރެ އަވަސް އަދި ފަސޭހަ ނިޒާމަކުން ފޯރުކޮށްދިނުމުގެ މަގްސަދުގައި މިަދުން ފެށިގެން އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި މާލެ އަދި ހުޅުމާލެ ވެމްކޯގެ ރިސޯސް ރިކަަވަރީ ސެންޓަރަށް ގެނެސް އުކާލުމުގެ ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިގޮތުން އުކާލަން ގެންނަ ކުނި ހުންނަންވާނީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކުނި ވަކިކުރެވިފައިކަމަށް ވެސް ވެމްކޯ އިން ވަނީ ބުނެފައެވެ.

ވެމްކޯއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެ ކުންފުނިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވެމްކޯގެ އިދާރީ ހިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް "ވެމްކޯ" މޯބައިލް އެޕްލިކޭޝަން ތައާރަފްކޮށް ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީވުމާއި، ވަކިވަކިން އުކާލާ ކުނި އުކާލުމަށް ރިކުއެސްޓް ކުރުމުގެ ކަންކަންވެސް އެޕް މެދުވެރިކޮށް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ހިދުމަތާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށައަޅަން ބޭނުންވާނަމަ، އެކަމަށް އެދި އެޕްލިކޭޝަންގެ ޒަރިއްޔާއިން ހުށައެޅޭނެ އެވެ.