ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް އަންޔަންކުރައްވައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އޭނާ އެމަޤާމަށް ހަމަޖައްސާފައިވަނީ 4 އޮކްޓޫބަރު 2026 އިން ފެށިގެނެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް މި މަގާމާ ހަވާލުވެވަޑައިގަތީ، މީގެ ކުރިން ތަރުޖަމާނުގެ މަސްއޫލިއްޔަތު އަދާކުރެއްވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފްގެ ބަދަލުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ބަދަލާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމާއި، އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވެވަޑައިގަންނަވާނީ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ކަމަށް ބުނެފައިވެއެވެ.

ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނަވަނިކޮށް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، މެއި 2014 ވަޒީފާ އިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާދޭން އަމުރު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރިން ހުކުމް ކޮށްފައި ވީނަމަވެސް އެ ހުކުމް ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައި ޝިޔާމަށް އަލުން ވަޒީފާ ދިނުމަށް އަމުރުކޮށްފައިވެ އެވެ.

މީގެ އިތުރުން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން އަމުރުކޮށްފައިވާ އިރު، ފުލުހުން ވަނީ ޝިޔާމަށް ހައި ކޯޓުގެ އެ އެންގުމާ އެއްގޮތަށް ވަޒީފާ ހަމަޖައްސައިފަ އެވެ. ޝިޔާމް މިއަދު އެ ވަޒީފާއަށް ނުކުންނަން ފައްޓަވާފައިވާއިރު، މިއީ ލިބޭ ޝަރަފެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.