ގްލޯބަލް ދުކާންއިން ވިޔަފާރިކުރާ ދިވެހި ކަސްޓަމަރުންނަށް މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް، ތައާރަފުކޮށްފިއެވެ.
މޯލްޑިވްސް ޕޯސްޓް އިން މިއަދު ބުނީ ކަސްޓަމަރުން ޗެކްއައުޓްކުރާ ގަޑީގައި "ޕޭ ތުރޫ މޯލްޑިވްސް ޕޯސްޓް" އިޚްތިޔާރު ކުރެއްވުމަށްފަހު، އެތަނުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ފައިސާގެ މުއާމަލާތް ފުރިހަމަކުރެވޭނެ ކަމަށެވެ. މިގޮތުން ފައިސާ ދައްކާއިރު ޝަރުތުހަމަވާ ކަސްޓަމަރުން، ބޭނުންވާނަމަ ދިވެހި ރުފިޔާއިން ފައިސާ ދެއްކުމަށްޓަކައި ޕޭމަންޓް ލިންކެއް ގްލޯބަލް ދުކާން އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ ކަމަށް ޕޯސްޓުން ބުނެއެވެ. މި އައު ޚިދުމަތަކީ، ގްލޯބަލް ދުކާން މެދުވެރިކޮށް ތަކެއްޗަށް އޯޑަރުކުރާއިރު ބޭރުގެ ފައިސާއިން މުއާމަލާތްކުރާ ބައިނަލްއަގުވާމީ ޕޭމަންޓް މެތަޑްތަކުގެ ބަދަލުގައި، ދިވެހި ރުފިޔާއިންވެސް ފަސޭހަކަމާއެކު ފައިސާ ދެއްކުމަށް ހުޅުވިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށް މޯލްޑިވްސް ޕޯސްޓް އިން ބުނެއެވެ.
މޯލްޑިވްސް ޕޯސްޓް އިން ބުނީ މި އިންތިޒާމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަސްޓަމަރުންނަށް ގްލޯބަލް ދުކާންގެ ޚިދުމަތްތައް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބި، ފައިސާ ދެއްކުމުގެ މަރުހަލާ ކުރިއަށްވުރެ ލުއިވެގެންދާނެ ކަމަށެވެ. ެެއެގޮތުން ކުރިއެކޭވެސް އެއްފަދައިން، މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން އިންޑިއާގެ އީކޮމާސް މާކެޓް ޕްލޭސް ގްލޯބަލް ދުކާން މެދުވެރިކޮށް ތަކެތި ގަތުމުން ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރ ކޮށްދޭނެއެވެ. ޕޯސްޓް އިން ބުނީ ގްލޯބަލް ދުކާންއިން ވިޔަފާރި ކުރުމަށް އިންޑިޔާގެ އެޑްރެހެއް ބޭނުން ނުވާނެ ކަމަށެވެ.
ގްލޯބަލް ދުކާންގައި ހިމެނޭ، އީކޮމާސް ޕްލެޓްފޯމްތަކުގެ ތެރޭގައި އެމެޒަން، މިންތްރާ، ފްލިޕްކާޓް، ނައިކާ، ނައިކާ ފެޝަން، އިކިއާ ފަދަ މަޝްހޫރު ގިނަ ޕްލެޓްފޯމް ފާހަގަކޮށްލެވެއެވެ. މި ޕްލެޓްފޯމްތަކުން ފެޝަން އަދި ލައިފް ސްޓައިލް ޕްރޮޑަކްޓްސްއާއި އިލެޓްރޯނިކްސް އެންޑް އިލެޓްރޯނިކް އެކްސެސަރީސް އަދި ބަދިގެއަށް ބޭނުންވާ ސާމާނާއި ބިއުޓީ އެންޑް ވެލްނެސް ޕްރަޑަކްތަކާއި އެހެނިހެން ހުރިހާ ޕްރަޑަކްޓްތަކެއްވެސް ގަނެވޭނެއެވެ.
ގްލޯބަލް ދުކާން ޕްލެޓްފޯމަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު އަދި އިތުބާރު ލިބިފައިވާ ޕްލެޓްފޯމެކެވެ. ޕޯސްޓް އޮފީހުން ފާހަގަކުރާ ގޮތުގައި، ގްލޯބަލް ދުކާންއިން ވިޔަފާރިކުރާ ދިވެހި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމެޖެހިގެން ދިއުމަކީ، ދިވެހީންނަށް އޮންލައިންކޮށް ވިޔަފާރިކުރުމަށާއި ގްލޯބަލް މާކެޓްޕްލޭސްއަށް ހުޅުވިފައިވާ ފުރުޞަތުތަކަށް އިތުރުކުރެވުނު ކުރިއެރުމެކެވެ.