ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދޮށީ އުމުރުގެ މީހުންގެ ދުވަހާ ގުޅިގެން، ވިލިމާލޭގެ ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ހަވީރެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުންގެ ފަރާތުން ކުރިއަށްގެންދިޔަ އެ ހަވީރު ބާއްވާފައި ވަނީ އޮކްޓޫބަރު 1 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ އެ ހަވީރަކީ ދޮށީ އުމުރުގެ މީހުންނާއި ފުލުހުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިކޮށް، އެ ފަރާތްތަކާއި ގާތުން ފުލުހުން މަސައްކަތްކުރާކަން ހާމަކޮށްދިނުމުގެ ގޮތުން ވިލިމާލެ ޕޮލިހުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ހަވީރެއް ކަމަށެވެ.

މި ހަވީރުގެ ތެރެއިން، ދޮށީ އުމުރުގެ މީހުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަދިޔާ ދިނުމާއި ހަވީރުގެ ސައެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ހާއްސަ ގޮތެއްގައި އައިކެއަރ ހޮސްޕިޓަލާއި، އެމް.އެން.ޔޫ ސްކޫލް އޮފް މެޑިސިން ދަރިވަރުންގެ ޖަމުއިއްޔާ (މެޑިކޯސް) ގެ އެހީތެރިކަމާއެކު ލޮލާއި އާންމު ސިއްހަތުގެ ޗެކަޕްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން، ފުލުހުން ބުނީ އެންޓި-ސްކޭމް ސެންޓަރުގެ ފަރާތުން ބައިވެރިވެ، މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވުމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.