ބްރޯޑްކާސްޓިންގެ ހިދުމަތަކީ މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ވަސީލަތް ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން، އެމްއެމްބީސީން ބުނެފިއެވެ.
ގައުމީ ބްރޯޑްކާސްޓިންގ ދުވަހާ ގުޅުވައިގެން އެމްއެމްބީސީން އާންމުކުރި ނޫސްބަޔާނެއްގައި ވަނީ، ބްރޯޑްކާސްޓަރުންނަށާއި، މި ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުވައްޒަފުންނަށާއި، ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާގެ އެންމެހައި ހިދުމަތްތެރިންނަށް، ކޮމިޝަނުގެ ފަރާތުން ދުވަހުގެ ތަހުނިއާ އަރިސްކޮށްފައެވެ.
އެ ކޮމިޝަނުން ބުނީ، ބްރޯޑްކާސްޓިންގެ ހިދުމަތަކީ ގައުމެއްގެ އިޖުތިމާއި، ސިޔާސީ އަދި އިގްތިސާދީ ހޭލުންތެރިކަން އިތުރުކުރުމުގައްޔާއި، ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ވަސީލަތް ކަމަށެވެ. ހާއްސަކޮށް، އިސްލާމީ ރިވެތި އަހްލާގާއި ދިވެހި ގައުމިއްޔަތާއި ސަގާފަތް ދަމަހައްޓައި، ސައްހަ އަދި އިތުބާރުހުރި މައުލޫމާތު މުޖުތަމައަށް ފޯރުކޮށްދިނުމުގައި ބްރޯޑްކާސްޓަރުން 29 ޑިސެމްބަރު 1962 ގައި "މާލެ ރޭޑިއޯ" ގެ ނަމުގައި ފެށިގެން އަދާކުރަމުން ގެންދަނީ ނުހަނު އަގުހުރި ގައުމީ ހިދުމަތެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ރާއްޖޭގެ ބްރޯޑްކާސްޓިންގ ތާރީހަށް ބަލާއިރު، ސެނެކޯ ރޭޑިއޯއާއި، 1967 ގައި މޯލްޑިވްސް އައިލެންޑް ބްރޯޑްކާސްޓިންގ ސަރވިސް (އެމްއައިބީއެސް) އަދި 1969 ގައި ރޭޑިއޯ މޯލްޑިވްސްގެ ނަމަށް ބަދަލުވެ، 1980 ގައި "ދިވެހިރާއްޖޭގެ އަޑު" ގެ ނަމުގައި ހިދުމަތް ފުޅާވެގެންދިޔައެވެ. އަދި 1978 ގައި ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) އުފެދިފައިވާއިރު، 2007 ގައި އަމިއްލަ ފަރާތްތަކަށް ބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ހުޅުވައިލެވުނެވެ. މި ތާރީހީ އޮއިވަރުގެ ތެރެއިން 2010 ވަނަ އަހަރު އަމަލުކުރަން ފެށި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުއާއެކު ބްރޯޑްކާސްޓަރުންނަށް ހާއްސަ ގާނޫނީ އޮނިގަނޑެއް ގާއިމުވެގެންދިޔައެވެ. އަދި 18 ސެޕްޓެމްބަރު 2025 ގައި ތަސްދީގުކުރެވުނު މީޑިއާ އަދި ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނު ގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އުފެދި، ބްރޯޑްކާސްޓިންގ ދާއިރާ ވަނީ ޒަމާނީ މީޑިއާތައް އެކުވެ އައު ދައުރަކަށް ވަދެފައެވެ.
އެ ކޮމިޝަނުން ވަނީ، މިއަދު ބްރޯޑްކާސްޓިން ދުވަސް ފާހަގަކުރާއިރު މިއަދާ ހިސާބަށް ދިވެހިރާއްޖޭގައި 37 ބްރޯޑްކާސްޓަރުން އަދި 29 ރީބްރޯޑްކާސްޓަރުން ހިދުމަތް ދެމުން ގެންދާކަން އުފަލާއިއެކު ފާހަގަކޮށްފައެވެ.
ޓެކްނޮލޮޖީގެ ގޮތުންނާއި މީޑިއާގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއެކު، ބްރޯޑްކާސްޓިންގ ދާއިރާ ކުރިއަރުވައި، ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން ވަނީ ދީފައެވެ.
އެގޮތުން ދާއިރާގެ މަސައްކަތްތެރިންގެ ފަންނީ ތަމްރީނުތަކާއި ގާބިލުކަން އިތުރުކުރުމާއެކު ގާނޫނާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން، މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމަކާއި ބްރޯޑްކާސްޓިންގ ވެއްޓެއް ގާއިމުކުރުމަށް ބާރުއެޅުމަކީ އެ ކޮމިޝަނުގެ މައިގަނޑު އެއް އަމާޒު ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، ދޮގު މައުލޫމާތާއި ފިތުނަ އުފެދޭ ފަދަ ކަންކަމުން ދުރުހެލިވެ، ގައުމީ މަސްލަހަތު އިސްކޮށް، ޒިންމާދާރުކަމާއެކު ހަބަރާއި މައުލޫމާތު ފެތުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބްރޯޑްކާސްޓިންގ ދާއިރާ ތަރައްގީކޮށް، ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.