ކާތަކެއްޗަށް އޯޑަރުކުރުމަށް ފޭކް ސްލިޕް ފޮނުވަމުން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

މަކަރާއި ހީލަތުގެ ތުހުމަތުކޮށް މި މައްސަލާގައި ހައްޔަރުކުރީ ގދ. ފަރެސްމާތޮޑާ، އިރަމާގޭ މުހައްމަދު ޖަދުއާން 23އ އެވެ. އޭނާ ހައްޔަރުކޮށް މިހާރު ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ ކުށުގެ އަމަލުގައި އޭނާ ބައިވެރިވެފައިވާ ގޮތާއި އޭނާގެ ޖިނާއީ ކުށެއްގެ ތުހުމަތުގެ ރެކޯޑު އޮތުމުން ކުށް ތަކުރާރުކޮށްފާނެތީ އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. އެ އަމުރުގައި ބުނީ އެ މައްސަލާގައި ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާ ކަަމަށެވެ. އެ އަމުރުގައިވާ ގޮތުން ފޭކް ޓްރާންސްފާ ސްލިޕް ފޮނުވައިގެން އޯޑަރުކުރި ކާތަކެއްޗާ ހަވާލުވެފައި ވަނީވެސް ޖަދުއާން އެވެ.

ފޭކް ޓްރާންސްފާ ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން ވިޔަފާރީގެ މުއާމަލާތްތައް ހިންގާ މައްސަލަތަކުގައި މީގެ ކުރިން ވެސް ގިނަ ބަޔަކު ހައްޔަރުކޮށްފައިވެއެވެ.