ޓޫރިޒަމް ދާއިރާއަކީ އެތައް ބަޔެއްގެ އުންމީދުތަކާއި ގުޅިފައިވާ ދާއިރާއެއް ކަމަށް ވިސިޓްމޯލްޑިވްސްގެ ޗީފް އެކްޒެކެޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާސިރު ވިދާޅުވެއްޖެއެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ، ރާއްޖޭގައި ތަރައްގީ ކުރެވުނު ފުރަތަމަ ރިޒޯޓު، "ކުރުނބާ ވިލެޖް" ހުޅުވި ދުވަހަކީ ރާއްޖޭގެ ތާރީހާއި އިގްިސޯދުގައި އައު ސޮފްހާއެއް ފެށިގެން ދިޔަ ދުވަސް ކަމަށެވެ.

ދިވެހި ޖަޒީރާ ރަށްތަކަށް ޒިޔާރާތްކުރުމަށް ފުރުސަތުދެމުން ހުޅުވި ރިޒޯޓާ އެކު، ބިނާވެގެން ދިޔަ ބިންގަލަކީ މިއަދު ދިވެހި އިގްތިސޯދުގެ މައި ނާރު ކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ، މި ސިނާއަތުގައި ދެމިތިބެ، ކޮންމެ ދުވަހަކު ގައުމީ ތަރައްގީއަށް ނުގުޑާނެ އަޒުމަކާއިއެކު މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ އަގު ވަޒަންކުރުން މުހިއްމު ކަމަށެވެ.

މި ބިންގަލާއެކު ފަތުރުވެރިކަން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރި، ޖީލުތަކަކަށް އޭގެން ފައިދާ ލިބިގެންއެބަދޭ، މިއީ އެތައް ހާސް ރައްޔިތުންގެ ދިރިއުޅުމާއި، ވިޔަފާރިއާއި، އުންމީދުތަކާއި ފުރުސަތުތަކާއި ގުޅިފައިވާ ދާއިރާއެއް. ދިވެހި ރާއްޖެއާ މުޅި ދުނިޔެއާއި ގުޅުވާލަދިން މި ސިނާއަތު ވެގެންގޮސްފައި ވަނީ ވޭތުވެދިޔަ ބައި ގަރުނަށްވުރެއް ގިނަ ދުވަސް ތެރޭގައި، އަޅުގަނޑުމެންގެ އިގްތިސޯދުގެ އެންމެ މުހިއްމު ތަނބަށް އަދި މިއީ ދިވެހިންގެ މެހެމާންދާރީ މުޅި ދުނިޔެއަށް ހާމަކޮށްދޭ އެންމެ ފަހުރުވެރި ރަމްޒު"

ވިސިޓްމޯލްޑިވްސްގެ ޗީފް އެކްޒެކެޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާސިރު

ޔާސިރު ވަނީ، ފަތުރުވެރިކަމުގެ އަގުހުރި ހިދުމަތް ކުރާ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.