މި އަހަރުގެ 4 ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ނުވަތަ ފަރުމަސް އާލާކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ގޮތުގައި ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމަށްޓަކައި، އެ ވުޒާރާއާއި، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން، ވޯލްޑް ބޭންކްގެ އެހީގައި ތަންފީޒުކުރެވޭ ޓްރާންސްފޯމް ޕްރޮޖެކްޓާއި ގުޅިގެން ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ މިއަހަރުގެ ހަތަރުވަނަ ކޯހެއް ހިންގުމަށް ވަނީ ހަމަޖައްސާފައެވެ.
ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ކުރިއަށްގެންދާ މި އަސާސީ މެރިކަލްޗަރ ކޯސް ތާވަލުކުރެވިފައިވަނީ 31 އޮކްޓޯބަރުން 12 ނޮވެމްބަރުގެ ނިޔަލަށް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ. އަދި ޖުމްލަ 15 ބައިވެރިންނަށް ފުރުސަތު ހުޅުވާލާފައިވާ މި ފަންނީ ތަމްރީނު ޕްރޮގްރާމްގެ މުއްދަތަކީ 14 ދުވަސް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
މިކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ބައިތަކަށް ބަލާލާއިރު، އެކްއަކަލްޗަރގެ ނިޒާމުތައް، ދިރޭ ކަނާ އާލާކުރުން، ފާނަ ވިއްސައި ކުދިފާނަ ބޮޑުކުރުން، ހުއިފިލަނޑާ ވިއްސައި ކުދި ހުއިފިލަނޑާ ބޮޑުކުރުން، ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރުން، އިތާމުތް އާލާކުރުން، މޫދުވިނަ (ސީވީޑް) ހައްދައި އާލާކުރުމުގެ ތިއަރީ ކިޔަވައިދިނުންއާލާކުރާ ދިރުމަށް ޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން، އަދި ދިރުން އާލާކުރުމުގައި ތިމާވެށި ރައްކާތެރިކުރުން ހިމެނެއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ، މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 18 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު އައިޑީ ކާޑުގެ ކޮޕީއާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެޅުމަށް އެދިފައެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާނަމަ ފޮނުވާނީ[email protected]އަށް ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
އެ ވުޒާރާއިން ބުނީ، މި ޕްރޮގްރާމަށް ކަނޑައެޅިފައިވާ 15 ފުރުސަތަށްވުރެ ގިނައިން ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިނގް ފެސިލިޓީގައި ކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ، ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މި އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ތަމްރީނާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްކުން ނަންބަރު 3322242 ނުވަތަ 9555373 އަށް ގުޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.