މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ދެމީހުން ހައްޔަރުކޮށްފިއެވެ.
އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ވިޔަފާރިކޮށް އަދި މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ އަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ ޕެރުމަލް މަޔަވަން، އާއި، ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ތުވަން ރިސްލިން ފަލީލް، އެވެ.
މި އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް މާލޭ ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 1677 ފުޅިއާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ 23 ފުޅިއާއި، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ދެ މީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.