ސިޔާސީ ވަކި ފިކުރެއް ޕްރޮމޯޓުކުރަން ކައުންސިލްތަކުގެ ވަސީލަތްތައް ބޭނުންނުކުރުމަށް ލޯކަލްގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލުތަކަށް އަންގައިފި އެވެ.
އެލްޖީއޭ އިން މިގޮތަށް އަންގާފައި ވަނީ ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި ރަށު ކައުންސިލުތަކުގެ ރައީސުންނަށް ފޮނުވި ސިޓީއެއްގައެވެ. އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއި ކުރައްވާ ކައުންސިލުތަކަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކައުންސިލުތަކުގެ މުދަލާއި ވަސީލަތްތަކަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލުތަކަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ދައުލަތުގެ މާލިއްޔާއިން ކައުންސިލްތަކާ ހަވާލުކޮށްފައިވާ މުދަލާއި ވަސީލަތްތައް ކަމަށެވެ.
އެގޮތުން އެ މުދަލާއި ވަސީލަތްތައް ބޭނުންކުރަންވާނީ މީހަކު ނުވަތަ ބަޔަކު ނިސްބަތްވާ ކުަލަޔަކަށް ނުވަތަ އާއިލާއަކަށް ބެލުމެއްނެތި ހަމަހަމަ އުސޫލުން ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރަންވާނެކަން ގާނޫނު ނަންބަރު 131.1 އިން 131.5 އާއި ދެމެދު ބަޔާންކޮށްފައިވާ ކަމަށް އެ އޮތޯރިޓީގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ހަމައެހެންމެ ކައުންސިލްތަކުގެ މުދަލާއި ވަސީލަތްތައް ޚާއްސަކޮށް ކައުންސިލް އިދާރާއާއި އިދާރާގެ ގޯއްޗާއި އަދި ކައުންސިލުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އާންމު ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ބިންތަކުގައި ސިޔާސީ ޕާޓީއެއްގެ ފިކުރު ދިރުވާ ޕްރޮމޯޓުކުރަން ބޭނުންކުރުމަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ އަސާސްތަކާއި ހިލާފުކަމެއް ކަމަށް އެ އިދާރާއިން ބުނެއެވެ.
ކައުންސިލު އިދާރާއަކީ ރައްޔިތުން ހިދުމަތް ހޯދުމަށް އަންނަ މުހިއްމު އިދާރާއެއްކަމުން އެފަދަ ތަންތަނުގައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދިގެންދާނެ ކަމެއް ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.
ކައުންސިލްތަކަކީ ލާމަރުކަޒީ އުސޫލުން ދައުލަތުގެ ހިދުމަތްތައް ދިނުމަށް ގާނޫނުން ގާއިމްކޮށްފައިވާ ފަށަލައަކަށްވާއިރު ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި ސިޔާސީ ފިކުރެއް ޕްރޮމޯޓުވާނެހެން ކައުންސިލްތައް އަމަލުކުރުމަކީ މި ނިޒާމަށް ރައްޔިތުން ކޮށްފައިވާ އިތުބާރު ގެއްލޭނެ އަމަލެއްކަމުގައި އެ އޮތޯރިޓީން ބުނެއެވެ. އެ ސިޓީގައި ވަނީ އެފަދަ ކަންކަމަކީ، ކައުންސިލްގެ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލަކަށް ވާތީ ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގަން ކައުންސިލްތަކަށް އިލްތިމާސްކޮށްފަ އެވެ.
އެލްޖީއޭ އިން މިހެން ބުނެފައި ވާއިރު، މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސް ކުރިއަށް ގެންދިޔައީ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިގައެވެ.