އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 153 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ޓެންޒޭނިއާގެ އަރޫޝާއަށް ފުރާވަޑައިގަންނަވައިފިއެވެ.

އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 153 ވަނަ އެސެމްބްލީ ކުރިއަށްދާނީ މި މަހުގެ 5 އިން 9 އަށެވެ.

މި އެސެމްބްލީގައި، މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله، "އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުޞަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމަޢުތައް ބާރުވެރިކުރުވުން" މި މަޢުޟޫއަށް ވާހަކަފުޅުދައްކަވާނެއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް، ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ، ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު، ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވައެވެ.