ދަސްވެނީންނަށް ލިބިފައިވާ ޢިލްމާއި ހުނަރުގެ އަލީގައި ޤައުމަށް ބޭނުންތެރި ދާއިރާތަކަށް އީޖާދީ ވިސްނުންތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ.
އެ މަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރޭ ބޭއްވި ވިލާ ކޮލެޖުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026 ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، މިރޭގެ ޙަފުލާގައި ޝަރަފްވެރި އެވޯޑުތައް ހާޞިލްކުރި އެންމެހާ ދަސްވެނީންނަށާއި، އެ ދަސްވެނީންގެ ލޮބުވެތި ޢާއިލާތަކަށް ތަހުނިޔާއާއި މުބާރިކުބާދީ ދެންނެވިއެވެ. ޤައުމާއި މުޅި މުޖުތަމަޢަށް ދިމާވެފައިހުރި މައްސަލަތައް ޙައްލުކުރުމުގައި ދަސްވެނީންގެ ސިކުނޑިތަކުން އީޖާދީ ވިސްނުން އިސްކުރަން ޖެހިފައިވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މުޅި މުޖުތަމަޢަށް ބޭނުންވެފައިހުރި ކަންކަމަށް ދާއިމީ ޙައްލު ހޯދައިދިނުމުގައި އެ ބޭފުޅުންގެ ވިސްނުންތަކުގެ ބޭނުން އިންތިހާއަށް ބޮޑުކަމަށާއި އެ މަގަށް މަސައްކަތް ކޮށްދެއްވާ، މުޅި މުޖުތަމަޢު އުފާ ކުރުވަނިވި ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މާދަމާ މަސައްކަތު މާހައުލަށް ނިކުމެ އެ ބޭފުޅުން ކުރާ މަސައްކަތް ވެގެންދާނީ ވަރަށް ޒިންމާދާރު، އެ މާހައުލަކާ ގުޅޭ އަދި މަސައްކަތުގެ ސްޕީޑު އަވަސް އީޖާދީ ވިސްނުންތައް އެތަންތަނަށް ހޯދައިދޭނެ މަސައްކަތަކަށް ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނާއި މުއައްސަސާތަކާ ދޭތެރޭގައި އޮންނަ އިތުބާރު ބަދަހިވެ، އިތުރަށް ފުރިހަމަ ވެގެންދާނެކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިޔުމަކީ އެންމެހާ ދިވެހި ރައްޔިތުންގެވެސް ވަރަށް ބޮޑު އުންމީދެއް ކަމުގައި ވިދާޅުވިއެވެ. އަދި އެ އުންމީދު ހަޤީޤަތަކަށް ހެދުމަށްޓަކައި، 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމުގެ ދުރުރާސްތާ ތަޞައްވުރެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާ، އިޢުލާން ކުރައްވާފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މި ތަޞައްވުރު ހާސިލުކުރުމަށް އެންމެހާ ބޭފުޅުންގެ ބުރަ މަސައްކަތާއި އެހީތެރިކަން ބޭނުންވާ ކަމަށާއި އަދި ހާއްސަގޮތެއްގައި ޒުވާނުން އިސްނަގައިގެން، ދަސްވެނީންގެ އީޖާދީ ވިސްނުންތައް އިސްކޮށްގެން މި މަސައްކަތުގައި އަމިއްލައަށް ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ވިލާ ކޮލެޖުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026 ޙަފުލާގައި، ޤާސިމް އިބްރާހިމް އެވޯޑް ފޮރ އެކްސެލެންސް ހާޞިލްކުރި ޕޯސްޓް ގްރެޖްއޭޓް ޕްރޮގްރާމްގެ ދަސްވެނިންނަށް އެވޯޑް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ.