އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބު މިއަހަރުގެ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހު އޮންނާނެކަން އިއުލާންކުރުމަށްފަހު އެޕާޓީގެ ފަސް ވަނަ ކޮންގްރެސް ނިންމާލައިފިއެވެ.

އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސް ކުރިޔަށް ގެންގޮސްފައިވަނީ އޮކްޓޯބަރ 1 ން 3 އަށެވެ. ކޮންގްރެސްގައި ވަނީ މުހިންމު 3 ކަމެއް ފާސްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ އެމްޑީޕީގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމާއި ލާމަރުކަޒީ ނިޒާމާއި ގުޅޭ "ލާމަރުކަޒީ ސިޔާސަތު" ފާސްކުރުމާއި "ބޮޑު ބަދަލު" ސިޔާސަތު ފާސްކުރުމެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރެއް އޮންނަ އިރު އެ ޕާޓީގެ އިސްފަރާތަކީ ޗެއާޕާސަން ކަމަށާއި އެ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކޮށް ކެމްޕެއިންތަކުގައި އަމަލީގޮތުން ޗެއާޕާސަން ހަރަކާތްތެރިވުން މަނާވާނެއެވެ. އޭގެ އިތުރުން އެ އިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީގެ މެންބަރެއް ނަމަ އެ ޕާޓީގެ އިސް ފަރާތަކީ އޭނާކަން އޮތް އޮތުން އުނިކުރުމާއި އެ ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމު އުނިކުރުމާއި ޕާޓީގެ ޗެއާޕާސަން ދައުލަތުގެ މުސާރަ ލިބޭ އެއްވެސް މަގާމެއް އަދާކޮށްގެން ނުވާނެގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.
ލާމަރުކަޒީ ސިޔާސަތުގައި ހިމެނޭ ކަންކަމަށް ބަލާލާއިރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ދޭ އަދަދު 3 ގުނަ އިތުރުކުރުމަށާއި ކައުންސިލް އިންތިހާބުތަކުގައި މިހާރު އޮންނަގޮތުން ދާއިމީ އެޑްރެސް އޮންނަ ރަށަކަށް ވޯޓުލާން މަޖުބޫރުވާ އުސޫލު ބަދަލުކޮށް، އެމީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލް ހޮވުމަށް ވޯޓުދިނުމުގެ އިހުތިޔާރު ލިބޭގޮތަށް ވަނީ ހިމަނާފައެވެ. މީގެއިތުރުން، ކައުންސިލްތަކުގެ އިދާރީ ހިންގުން ސިވިލް ސަރވިސް އިން ވަކިކޮށް، މުވައްޒަފުން އައްޔަނުކުރުމާއި ވަކިކުރުން އަދި ޕްރޮމޯޝަން ދިނުންފަދަ އިދާރީ ބާރުތައް ސީދާ ކައުންސިލްތަކަށް ދިނުމަށް ހިމަނާފައިވެ އެވެ.
ކޮންގްރެސް އިން ދެން ފާސްކުރި " ބޮޑު ބަދަލު" ސިޔާސަތަކީ ދައުލަތާއި ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ދެ ބޭފުޅުން ތިބޭ ގޮތަށާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރާ ގޮތް ބަދަލުކުރުމާ އެކު ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަ ސިޔާސަތަކެވެ. މިސިޔާސަތުގެ ސަބަބުން ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅިގެންދާނެއެވެ. އޭގެ އިތުރުން ސަރުކާރުގެ ވެރިޔާ މަޖިލީހަށް ޖަވާބުދާރީކުރުވޭނެ ގޮތަކަށް ނިޒާމު ބައްޓަންކުރުމާއި، ދައުލަތުގެ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުން ހިމެނެއެވެ. އަދި މިބަދަލުގެ ތެރެއިން މަޖިލީހާއި ހުރިހާ އިންތިޚާބީ ކައުންސިލަރުން ހިމެނޭ ޚާއްސަ މަޖިލީހެއް ގާއިމުކުރަންޖެހެއެވެ.
ޚާއްސަ މަޖިލީހަށް ބޮޑެތި ބާރުތަކެއް ލިބިދެއެވެ. އޭގެތެރޭގައި ގާނޫނޫ އަސާސީއަށް އެއްވެސް ބަދަލެއް ގެނެވޭނީ ޚާއްސަ މަޖިލީހުން ފާސްކޮށްގެންނެވެ. ދައުލަތުގެ ބައެއް މަގާމުތަކަށް މީހުން އައްޔަނުކޮށް ވަކިކުރުމުގެ ބާރު މި މަޖިލީހަށް ލިބެދޭއިރު ދައުލަތުގެ އެންމެ އިސްވެރިޔާ އައްޔަނުކޮށް ވަކިކުރުމުގެ ބާރުވެސް މިމަޖިލީހަށް ލިބިގެންދެއެވެ. މީގެއިތުރުން މިނިވަން މުއައްސަސާތައް ޖަވާބުދާރީކުރުވަން ހަދާ ޚާއްސަ ކޮމިޝަންގެ މެމްބަރުން އައްޔަނުކުރުމާއި ވަކިކުރެވޭނީވެސް މި މަޖިލީހުންނެވެ.
އެމްޑީޕީގެ ކޮންގްރެސްގެ ތެރޭގައިވަނީ "ރަށްވެހި ތަރައްގީ" ގެ ނަމުގައި އިންވެސްޓްމަންޓް ފޯރަމެއްވެސް ބާއްވާފައެވެ. އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމަކަށް ކުރިއަށްގެންދިޔަ މި ފޯރަމުގައި ރާއްޖޭގެ 32 ރަށަކުން ޖުމްލަ 76 ޕްރޮޕޯސަލް ހުށަހެޅިއެވެ. އެމްޑީޕީން ހާމަކުރި ގޮތުގައި މިއީ 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓް ފުރުސަތުތަކެކެވެ.
މީގެ އިތުރުން، ޕާޓީގެ ހިންގުމަށް ޓެކްނޮލޮޖީގެ އައު ބަދަލެއް ގެނައުމުގެ ގޮތުން އެމްޑީޕީގެ ރަސްމީ މޯބައިލް އެޕްލިކޭޝަން "ޔެލޯ" ވެސް މި ކޮންގްރެސްގައި ވަނީ އިފްތިތާހުކޮށްފައެވެ. އެމްޑީޕީން ބުނި ގޮތުގައި މި އެޕަކީ މެންބަރުންނަށް ޕާޓީގެ ހަރަކާތްތަކުގެ މައުލޫމާތު އަވަހަށް ފޯރުކޮށްދިނުމަށާއި، އިދާރީ ކަންކަން ލުއިފަސޭހަކުރުމުގެ އިތުރުން މެންބަރުންގެ މެދުގައި ގުޅުން ބަދަހިކޮށް މަޝްވަރާތައް ކުރުމަށް ފަރުމާކޮށްފައިވާ ޒަމާނީ އެޕެކެވެ.