އެމްޑީޕީން މިއުޅެނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނޫން ގޮތެއް ހޯދަން ނޫންކަމަށާއި އެމްޑީޕީގެ ވެރިކަމެއްވެސް ގެންނަން ނޫންކަމަށާއި ނަމަވެސް ރައްޔިތުންނަށް ހައްގުވާ، އަދަލުއިންސާފު ލިބޭނެ، ބޯހާސްކަމެއް ނެތް ދިރިއުޅުމެއް ގެނެސްދޭންކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރ ޕާސަން އަދި އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސް ނިންމުމުގެ ގޮތުން ރިޔާސަތުން ދެއްވި ފުރުސަތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ ކޮންގްރެސް އަށް ފައްޔާޒު ހުށަހަޅުއްވާ ބޮޑު އަޣްލަބިއްޔަތަކުން ފާސްކުރި " ބޮޑު ބަދަލު" ގެ ސަބަބުން އަންނާނެ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ފައްޔާޒު ވިދާޅުވީ އެމްޑީޕީ ކޮންގްރެސް އިން ފާސްކުރި ބޮޑު ބަދަލު ސިޔާސަތުން ގައުމު އިސްލާހުކުރާނެ މަގު ޗާޓެއް ގެނެވިއްޖެކަމަށެވެ.

މިމަގު ޗާޓު ގެނެވި އަމަލުކުރެވިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހުރިއްޔާއަށް ވާގިވެރިވާ ފަރާތްތަކުން މިނިވަން މުއައްސަސާތަކާއި ކޯޓުތަކާއި މުޅި ގާނޫނު އަސާސީ ނެތިކޮށްލަން އުޅޭ އުޅުން ނިމުމަކަށް ގެނެވޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. ދައުލަތުގެ އެހެން ބާރުތަކުގެ ތެރެއަށް ރައީސް ވަންނަ ވަނުން ހުއްޓުމަކަށް ގެނެވޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުގެ ބިރު އޮވެގެން ގާނޫނުތަކާ ޚިލާފަށް ވަލީއުލްއަމްރު ގެ އަމުރަށް ތަބާވާ ތަބާވުން ހުއްޓުމަކަށް ގެނެސް ސްޕްރީމް ކޯޓު މިނިވަންކުރެވި ސްޕްރީމް ކޯޓުގެ ނިންމުން އެއީ ރައްޔިތުންގެ އަތުގައި އޮންނަ އެއްޗަކަށް ބަދަލުކުރެވޭނެ. ދެތިން ސަތޭކަ ވޯޓަކުްން ގަނެލައިގެން ރައްޔިތންގެ މަޖިލީހަށް ވަދެ ރައްޔިތުންގެ ހަްގުތައް ހިމާޔަތްނުކޮށް އަނެއްކާވެސް އެއްކަލަ ވަލީއުލްއަމްރުގެ ހިމާޔަތުގައި ތިބޭ މަޖިލިސް ނިމުމަކަށް ގެނެވޭނެ. މަޖިލީހަކީ ޝަރަފްވެރި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ރައްޔިތުން ލޯބިވާ މެމްބަރުން ތިބި ތަނަކަށް އަނެއްކަވެސް އަޅުގަނޑުމެނަށް ހެދެނޭ.

ފައްޔާޒު އިސްމާއީލު/ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން

ފައްޔާޒު ވިދާޅުވީ މިކަން ކުރެވޭނީ ހަމައެކަނި އެމްޑީޕީ އަށް ކަމަށާއި ހުދުމުހުތާރުކަމާއި އަނިޔާވެރިކަމާ ދެމެދު އޮންނަ އައްޑަނައަކީ އަބަދުވެސް އެމްޑީޕީކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް އޮންނާނީ އެމްޑީޕީކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަކީ މާވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި ދެކޭދެކުން ބަދަލުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އެއީ ވަލިއްޔުލްއަމްރު ނޫންކަމަށާއި އެއީ ޚާދިމުލް އުންމަކަމަށް ފައްޔާޒު ވިދާޅުވިއެވެ. ރައީސް އަކީ ދިވެހި ދައުލަތުގެ ހާދިމްކަމަށާއި އެއީ ރައްޔިތުންނަށް ޚިދުމަތްކުރަން އަންނަ މީހެއްކަމަށް ވިދާޅުވިއެވެ. ކަންކަން ގޯސްވާ ހިސާބަކީ ވެރި މީހާއަށް ކުރުނޫސްކުރާ ހިސާބުކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން ފައްޔާޒުގެ ވާހަކަފުޅުގައި ވަނީ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލުމުން އެމްޑީޕީ އާ އިދިކޮޅު ފަރާތްތަކުން އެއީ ބޭއަދަބީ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވާތީ އެކަމަށްވެސް ރައްދުދެއްވާފައެވެ.

އާދެ އަޅުގަނޑުމެންނަކީ ނޯތު ކޮރެއާއެއްނޫނޭ އެނގޭތޯ. އަޅުގަނޑުމެންނެއް ޖަހާހާ ބެރަކަށް އެގޮތަކަށް އަތްތިލަބަޑިއެއް ނުޖަހާނޭ. އަޅުގަނޑުމެން އަތްތިލަބަޑިޖަހާނީ އަޅުގަނޑުމެން ބޭނުންވާ ބެރަކަށް. މިކޮންގްރެސްގައި މިއަދުވެސް މިކޮންގްރެސްގެ އެތެރޭގައިވެސް މި ކޮންގްރެސް ބޭރުގައިވެސް އަޅުގަނޑުމެން ޒުވާބު ކުރިން ހަޅޭއްލެވިން އަޅުގަނޑުމެންގެ ހިތުގައި އޮތް ޝުއޫރު ފުރިހަމައަށް ފާޅުކުރިން. އަބަދުވެސް އަޅުގަނޑުމެން ދެމިތިބޭނީ މިގޮތުގައި. އެމްޑީޕީން މިދިވެހި ރައްޔިތުންނަށް ދަސްކޮށްދިން ކަމެއް އެއީ. މިވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ހައްގުތަކެއް ވާކަން ބުނެދިނީ ދަސްކޮށްދިނީ އަންގުވައިދިނީ އަޅުގަޑުމެން މިއެމްޑީޕީ . ދިވެި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭންޖެހޭކަން އަޅުގަނޑުމެން ރައްޔިތުންގެ ސިކުނޑިއަށް ވައްދައިދިނީ މިއެމްޑީޕީން. އަޅުގަނޑުމެންގެ ވެރިންނަކީ އަޅުގަނޑުމންގެ ހާދިމުންކަން އަޅުގަނޑުމެންގެ ހުރި ކަންކަމަށް ހައްލު ހޯދައިދޭންޖެހޭ ބައެއްކަން އެއީ މަތިން ފައިބާ ތިބި ބައެއް ނޫންކަން އެހިޔާލު މިރާއްޖެއަށް ގެނެސްދެނީ މި އެމްޑީޕީން.

ފައްޔާޒު އިސްމާއީލު/ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން

ފައްޔާޒުގެ ވާހަކަފުޅުގައި ވަނީ މިސަރުކާރުގެ ސިޔާސަތުތަކަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީ ވެރިކަމެއް ބަދަލުވާ ކޮންމެ ފަހަރަކު ގާނޫނު އަސާސީ އޮތްގޮތަށް އޮއްވާ ބާރުތައް އަތަށް ނަގައިގެން ބޭނުން ގޮތެއް ސަރުކާރުން ހަދަމުން އަންނަކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ގެންނަ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު ހަލާކުވެ އެތައް އަހަރެއް ފަހަތަށް ޖެހިފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ބޮޑު ބަދަލު ސިޔާސަތުގެ ސަބަބުން މިފަދަ ގެއްލުންތައް ގައުމަށް ނުދެވޭނެކަމަށެވެ. އަދި އެމްޑީޕީން މިހާރު ދަތުރުމިފެށީ އެމަގުން ގައުމު އިސްލާހުކުރުމަށްކަމަށް ފައްޔާޒު ވިދާޅުވިއެވެ.