ފުށިދިއްގަރުފަޅުގައި ކުރިޔަށްގެންދިޔުމަށް ސަރުކާރުން ސޮއިކުރި މަޝްރޫޢަކީ އަނެއްކާވެސް އެއާމެދު ވިސްނަންޖެހޭ ފަދަ ޑިޕްލޮމެޓިކް ހާލަތެއްގެ ހަތަރު އަނގޮޅިއަކަށް ދިވެހިން ގެންދާ ހިނދުކޮޅެއްކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސް ނިންމުމަށް ރިޔާސަތުން ވާހަކަދެއްކުމުގެ ފުރުސަތު ދެއްވުމުން ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވަނީ މިސަރުކާރުން ގެންގުޅޭ ޑިޕްލޮމެޓިކް ސިޔާސަތަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޝާހިދު ވިދާޅުވީ މިސަރުކާރުގައި ގުޑް ގަވަރނަންސް އާއި ޓްރާންސްޕޭރެންސީގެ ކަންފުޅެއްވެސް ނެތުމުން ފުށިދިއްގަރުފަޅުގައި ކުރިޔަށްގެންދިޔުމަށް ސަރުކާރުން ސޮއިކުރި އެއްބަސްވުމުގައި އޮތީ ކޯއްޗެއްކަން އެނގޭ އެކަކުވެސް ނެތްކަމަށެވެ. ޝާހިދު ވިދާޅުވީ އެކަމުގެ ސަބަބުން ރައްޔިތުންނަށް އެކި ގޮތްގޮތަށް އެމަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަންޖެހިފައިވާކަމަށެވެ.

އޭގެނަތީޖާއަކަށް ވާނީ ޝާހިދު ވިދާޅުވާ ގޮތުންނަމަ އެކުވެރި ދައުލަތަކާއި މޫނު ކެނޑުމެވެ. ޝާހިދު ވަނީ ދިވެހި ދައުލަތާއި ބޭރުގެ ބޮޑެތި ކުންފުނިތަކާ ދެމެދު ވެވޭ އެއްބަސްވުންތައް ސިއްރުނުކޮށް ހާމަކުރަން ގޮވާލައްވާފައެވެ.

މިހާރު މިއިވޭ އަޑުތަކަށް ބަލާ އެއްޗެއް ދަންނަވާކަމަށް ވާނަމަ ފުށިދިއްގަރުފަޅު ގެ އެގްރިމެންޓަކީ ޑިސެޕްޓަސް އެޓް އިނިޝިއޯ . އާދެ އުފެދުމުގައިވެސް އޮޅުވާލަން. އެފަޅު ހިއްކުމުގައި ފައިސާ ހަރަދުކުރި ގޮތުގައިވެސް ވެލި އެޅުމުގައިވެސް ހުރިހާ ކަމެއްގައި ބޮޑުތަނުން އޮޅުވާލުން. ފަޅަށް ކިޔާ ނަންވެސް އޮޅުވާލީ. ދިން ގޮތްވެސް އެގްރިމެންޓްވެސް އޮޅުވާލީ. ކުރިން ހަނދުމަފުޅު ހުންނާނެ އަޅުގަނޑުމެންގެ ތެރެއަށް ގެނެސްދެއްވި ވޮއިޑް އެޓް އިނިޝިއޯ ކިޔާ ލަފްޒެއް. މިއީ އޭގެ އެއްމާބަނޑު ދެބެން. ޓްވިން.

އަބްދުﷲ ޝާހިދު/ އެމްޑީޕީގެ ކުރީގެ ރައީސް

ޝާހިދު ވިދާޅުވީ ރާއްޖެއަށް ގުދުރަތުން ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ ހަމައެކަނި ވަތަނުގެ ރީތިކަމާއި ޗާލުކަން ނޫންކަމަށެވެ. ޖިއޮގްރަފީގޮތުން ރާއްޖެ އޮތްތަނަކީވެސް ޑިޕްލޮމެޓިކް ގޮތުން ދިވެހިން ދުނިޔޭގެ ފެންވަރުގައި ބާރުގަދަކަން ހާމަކުރެވެން އޮތްކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ހަގީގީ އަގު އެނގޭނީ ބޭނުންކުރަން އެނގޭ ބަޔަކަށްކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާގައި ބޯޑަރުތައް ބަންދުކޮށްފައި އޮތްއިރުވެސް ދިވެހިން ބަނޑަށް ނުޖެހި މެނޭޖްކުރެވުނީ ޑިޕްލޮމެސީގެ ގޮތުން އެކަން ކުރަން އެނގޭ ބަޔަކު ވެރިކަމުގައި ތިބުމުންކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައިވެސް ދުނިޔޭގެ ގައުމުތަކާއި ގުޅިގެން އެފަދަ ވެރިކަމެއް ކުރެވޭނީ އެމްޑީޕީއަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި ވަނީ އެމްޑީޕީން ރައްޔިތުންގެ ދިރިއުޅުމަށް ގެނައި އުންމީދުގެ ހުޅުކޮޅު މިސަރުކާރުން ނިއްވާލާފައިވާކަމަށް ވިދާޅުވެ މިސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އޮތީ ޙާސްކަމުގައި. ޓެކްސްތަކުގެ ދަންތުރަ އާ ޑޮލަރު މާރުކުރުމުގެ ނަމުގައި ރާއްޖޭގެ އެންމެ އަގު ބޮޑެތި އިންވެސްޓްމަންޓްތަކަށްވެސް މިއަދު އެއޮތީ ވާނުވާ ޖަހާފައި. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އޮތީ އިނދަ ޖައްސާ ކުޑަކަކުލަށް ތިރިކޮށްފައި. ބޭރުގައި ކިޔަވަން ތިބި ކުދިން ކިޔެވުން ހުއްޓާލާ ހިސާބުގައި. އަމިއްލަ އުފެއްދުންތެރިކަމުގައި ޒަމާނީ ޓެކްނޮލޮޖިގެ އެހީގައި ވިޔަފާރިއެއްކުރި ކޮންމެ ޒުވާނެއްގެ ނޭވާ ހޮޅީގައި މިހޮޅި ސަރުކާރުން އޮތީ އަތްއަޅާ ކުރިމަރާލާފައ.ރައްޔިތުން އަބަދުވެސް އެދެނީ ހެދި ފޯދި ކުރިއަރާދާން. މިނިވަން ވިޔަފާރިކުރަން . އަމިއްލަ ފައިމައްޗަށް ތެދުވަން. ޓަކާ ޓަކާ ފިކުރުން ވެރިކަމަށް އަންނަ ޕީއެންސީގެ ފިކުރުން ހަމައެކަނި ކުރަން އެނގެނީ ވައްކަން. ރާއްޖޭގެ ރައްޔިތުން އެދޭ ބަދަލު ގުޅިފައިވަނީ ލާމަރުކަޒީ ރަށްވެހި ތަރައްގީއާ . ލާމަރުކަޒީ ނިޒާމު އެމްޕަވަރ ކުރަން އެނގޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ.

އަބްދުﷲ ޝާހިދު/ އެމްޑީޕީގެ ކުރީގެ ރައީސް

ޝާހިދު ވަނީ ކައުންސިލުތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ކައުންސިލުތަކާއި ޑަބްލިޔުޑީސީ މިހާރަށްވުރެ ބޮޑަށް ބާރުވެރިކުރުވާ މުސާރަ އާއި އިނާޔަތްތައް އިތުރުކުރުމަށް ގޮވާލެއްވިއެވެ.

ރަނގަޅު ހެޔޮ ބޮޑެތި ބަދަލުތައް ގެނެވޭނީ މަޝްވަރާކޮށްގެން ހައްލު ހޯދައިގެން ކަމަށާއި އެމްޑީޕީން އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަޝްވަރާއަށް ދާން ނިންމި ނިންމުމަކީ އެމްޑީޕީގެ ހަރުދަނާކަން ދިވެހިންނަށް ސާބިތުކޮށްދޭ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.