މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން، އަމީނީމަގާއި އިއްޒުއްދީން މަގު އަދި ބޮޑުތަކުރުފާނުމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން، އަމީނީ މަގުގެ ސެގްމަންޓް 1 އަދި 2 ގެ މަސައްކަތް ނިންމައި އާންމުންނަށް މިއަދު ހުޅުވާލައިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީއިން ނެރުނު ބަޔާނުގައި ވަނީ ސެގްމަންޓް 1 ގެ ދަށުން ކުރި މަސައްކަތްތަކުގެ ތެރޭގައި ކުރިން އަޅާފައިވާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އަދި ތާރު ނެގުމަށްފަހު، 2،794.062 އަކަމީޓަރުގެ ސަރަހައްދެއްގައި ސަބްގެރޭޑް، ސަބްބޭސް، އޭބީސީ އަދި ތާރުއެޅުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި ސެގްމަންޓް 2 ގެ ދަށުން ކުރި މަސައްކަތްތަކުގެ ތެރޭގައި 133.64 އަކަމީޓަރުގެ ސަރަހައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު، އަލުން އެ ސަރަހައްދުގައި އޭބީސީ އެޅުމާއި ތާރުއެޅުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

ސެގްމަންޓް 1 އަދި 2 ގެ މަސައްކަތް ނިމުމާއެކު، މި މަޝްރޫއުގެ ދަށުން ދެން ހަމަޖެހިފައިވާ ބައިތަކުގެ މަސައްކަތްތައް ވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެެ. އަމީނީމަގުގެ މި ދެ ސެގްމެންޓުގެ މަސައްކަތް ނިމި އެ ސަރަހައްދު ހުޅުވާލުމާއެކު، މި މަގު ބޭނުންކުރުމުގައި ކުރިން ހުރި ދަތިތައް ހައްލުވެ، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އިއްޒުއްދީން ހިނގުމުން ފެށިގެން ކޯރުކެނޑި ހިނގުމާއި ހަމަޔަށް ހިމެނޭ ސެގްމަންޓް 3 ގެ މަސައްކަތުގެ ތެރޭގައި، 1،924.77 އަކަމީޓަރުގެ ސަރަހައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި ތާރު އެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަނޭޝަަނަލް ސުކޫލާއި ހަމަޔަށް ހިމެނޭ ސެގްމަންޓް 4 ގެ މަސައްކަތުގެ ތެރޭގައި، 1،148.91 އަކަމީޓަރުގެ ސަރަހައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީ އާއި ތާރު އެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.