މާލެ ސިޓީއަށް ލިބުނު ފަސް އިންސައްތައިން ކުރެވޭ ހުރިހާ ކަމެއް ދައްކާފައިވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 5 ވަނަ ކޮންގްރެސް ނިމުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރ އާޒިމް ވިދާޅުވީ، މާލޭގައި ފެން ހެދެމުންދާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި އެ ފެންގަނޑު ހިންދީ އެ 5 އިންސައްތަ ބޭނުންކޮށްގެން ކަމަށެވެ.
ފެންހެދޭ އިރުގައި 300 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ފަރުނީޗަރު ހަލާކުވެގެންދާކަން ފާހަގަކޮށް އާޒިމް ވިދާޅުވީ، ކޮންމެ އަހަރަކު އެއް ފަހަރު އެ ހުރިހާ އެއްޗެއް ބަދަލު ކުރަންޖެހޭ ކަމަށެވެ.
އެމްޑީޕީ މީހުން ހިނގަން ތިބުމާއި އެހެން މީހުން ހިނގަން ތިބުމުގެ ތަފާތަކީ އެއީކަމަށް އާޒިމް ވިދާޅުވިއެވެ. މާލެ ސިޓީގައި ކުއްޔަށް ތަންތަން ހިފައިގެން ތިބޭތާ ވަރަށް ގިނަ ދުވަސް ވެއްޖެކަން ފާހަގަކޮށް އާޒިމް ވިދާޅުވީ، އެހެންނަމަވެސް އެމްޑީޕީން އައިސް ތަނެއް އަޅައި 350،000 ރުފިޔާ މަހެއްގެ މައްޗަށް ސަލާމަތް ކުރަމުންދާކަމަށެވެ.
މޭޔަރ އާޒިމް ވިދާޅުވީ މާލެ ސިޓީގެ ބަޖެޓުން މިވީ 2 މަސް ދުވަސް ތެރޭގައި 50 މިލިޔަން ރުފިޔާ ކަނޑާލާފައިވާ ކަމަށެވެ. އެ ލާރިއަކީ މީގެ ކުރިން ހުރި މޭޔަރަށް ބަރާބަރަށް ލިބެމުން ދިޔަ ލާރިކަން އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވަނީ އޭރު އެފައިސާ ލިބިގެން ކުރީގެ ކައުންސިލުން މާލެއަށް ގެނެވުނު މޮޅު ބަދަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.