އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވުނީ 29،000 މެންބަރުން އެ ޕާޓީން ވަކިކުރި ކަމަށް ބުނެ ފެތުރި ވާހަކަތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ، ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވާއިރު، އެކި އިންތިހާބުތަކާއި ދިމާކޮށް ގިނަ ބަޔަކު ޕާޓީއަށް ވަދެ ނިކުމެ، އެތެރޭގެ އިންތިހާބުތަކުގެ އަދަދު ބޮޑުތަނުން ބަދަލުވާކަމުގެ ވާހަކަތަކަކީ އަބަދުވެސް އެ ޕާޓީ ތެރޭގައި ދެކެވެމުންދާ ވާހަކަތަކެއް ކަމަށެވެ.
އެގޮތުން ނާޒިލް ވަނީ، އެކަމަށް ރަނގަޅު ހައްލުތަކެއް ހޯދުމުގެ ގޮތުން އެމްޑީޕީގެ ކޮންގްރެސްގައި ފައްޔާޒް ހުށައަޅުއްވާ އަދި އީވާ އަބްދުﷲ ތާއީދު ކުރެއްވި އާ އަސާސީ ގަވާއިދުގެ އިސްލާހަށް، އިސްލާހެއް ހުށަހަޅުއްވާފައެވެ. އެގޮތުން ނާޒިލް ވަނީ އަސާސީ ގަވާއިދަށް ހުށައަޅާފައިވާ އިސްލާހުގެ 105 ވަނަ މާއްދާ ބަދަލުކުރަން ހުށަހަޅުއްވާފައެވެ.
ނާޒިލް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ޕާޓީގެ އަސާސީ ގަވާއިދުގެ 105 ވަނަ މާއްދާގެ (ހ)ގެ ދަށުން، ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ އެ އިންތިހާބުގައި ވޯޓުލާ ދުވަސް ކަމަށް ކަނޑައަޅައިފައިވާ ދުވަހާއި ހަމައަށް ކަމަށާއި، އެހެން ކަމުން އެތެރޭގެ އިންތިހާބު ތަކުގައި ވޯޓު ލެވޭނީ މަދުވެގެން ފާއިތުވި 90 ދުވަހުގެ ކުރިން ޕާޓީގެ ރަސްމީ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންނަށް ކަމަށެވެ.
ނާޒިލް އިތުރަށް ވިދާޅުވީ، މިފަދަ ކަންކަން ދިމާވަނީ ކަޅާއި ހުދުން ނުވަތަ ސާފުކޮށް އެކަންކަން ލިޔެވިފައި ނެތުމުންކަމަށާއި، މިފަދަ ކަންކަން ލިޔުމުން ފެންނަން އޮންނަން ޖެހޭ ކަމަށެވެ. އެހެންކަމުން ނާޒިލް ވަނީ 3 މަސް ދުވަސް ކުރިން ޕާޓީގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް ނޫން އެހެން ފަރާތްތަކަށް އެތެރޭގެ އިންތިހާބުތަކުގައި ވޯޓު ނުލެވޭނެ ކަން ތަކުރާރު ކުރައްވާފައެވެ.