މި ދިޔަ 2 އަހަރަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ވަރަށް ހެޔޮ ބަދަލުތަކެއް ގެނެވުނު 2 އަހަރު ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތާރީޚީ ގޮތުން އެންމެ ގިނައިން ޒަކާތް ލިބުނު 2 އަހަރު ކަމަށާއި މިއަހަރަކީ ދިވެހިރާއްޖޭގެ މުޅި ތާރީޚުގައި އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު ކަމަށެވެ.
އެންމެ ގިނައިން ފަޤީރުންގެ ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކަށް ހޭދަކުރެވުނީ މި 2 އަހަރު ކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، ފަޤީރުންނަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ފަޤީރުންގެ ތައުލީމާއި ޞިއްޙަތަށް ވެސް ހޭދަކުރެވުނު އަހަރު ކަމަށެވެ. ޝަރީޢާ ހުއްދަކުރާ މަގުން ޒަކާތު ފަންޑު އިތުރުކުރަން ގިނަ މަސައްކަތްތަކެއް ފެށުނު 2 އަހަރު ކަމަށް ޝަހީމް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަކީ ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް އާރާސްތުކުރެވިފައިވާ ނިޒާމެއް ކަން ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. އެއީ ޤާނޫނަކުން ރައްކާތެރިކަން ލިބިފައިވާ ނިޒާމެއް ކަމަށާއި ޒާކާތު ފައިސާ ބަލަހައްޓަމުންދަނީ މަރުކަޒީ ބޭންކުން ކަމަށް ޝަހީމް ވިދާޅުވިއެވެ. ޒަކާތުން ލިބޭ ފައިސާ ހޭދަކުރަމުން ދަނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން ޝަރީޢާ ގައިޑްލައިނެއް ޢާމުކޮށް އޭގައިވާ ގޮތުގެ މަތިން ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ޚަރަދުކުރެވެމުންދާ ގޮތް މަހުން މަހަށް ޢާއްމުކޮށް ހާމަކުރަމުންދާ ކަމަށާއި ޒަކާތު ކައުންސިލާއި ޝަރީޢާ ކޮމިޓީގެ ލަފާ ހޯދާ ކަމަށް ޝަހީމެ ވިދާޅުވިއެވެ.
ޒަކާތަށް ވަކި އިދަަރާއެއް ޤާއިމުކުރެވުނު 2 އަހަރު ކަން ފާހަގަކޮށް ޝަހީމް ވަނީ ދިވެހި ރައްޔިތުން ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ދެއްވަމުން ގެންދަވާ އިތުބާރަށްޓަކައި ޝުކުރު ދަންނަވާފައެވެ.