ކޯޓުގައި އެކި މަރުހަލާތަކުގައި ބެކްލޮގް ނުވަތަ ނުނިމި ހުރި 13،032 މައްސަލަ ބަލަމުންދާ ކަމަށާއި، މިއަހަރުގެ ނިޔަލަށް 6000 އަށްވުރެ ގިނަ މައްސަލަ ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްގަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.
އޭޝިއާގެ ގައުމުތަކުގެ ކޯޓުތަކާގުޅޭ އިންސްޓިޓިއުޝަންގެ 7ވަނަ ކޮންގްރެސްގައި ދެއްވި ތަގުރީރު ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މި ދާއިރާއިން އެންމެ ބޮޑު އިސްކަމެއްދީގެން މިވަގުތު ކުރަމުންދަނީ، އަރޓިފިޝަލް އިންޓެލިޖެންސްގެ ޒަމާނީ ވަސީލަތްތަކާއި އުކުޅުތަކުގެ އެހީގައި، ކޯޓުގެ މައްސަލަތައް ނިންމުމުގެ ނިޒާމަކަށް ރާއްޖެއިން ކުރާ މަސައްކަތް ކަމަށެވެ. ނަމަވެސް، މިއިން އެއްވެސް ކަމެއްގައި ހުރިހާ ކަމެއް އޭއައިއަށް ދޫނުކުރާނެ ކަމަށާއި، ގޮތް ނިންމުމުގެ އެންމެހާ މަސައްކަތްތަކާއި ބަލަންޖެހޭ ބެލުންތައް ބަލާނީ އިންސާނީ އެހީގައި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ބަލަމުންދާ މައްސަލަތަކާ ގުޅޭ ބައެއް ތަފާސްހިސާބުތައް ޙިއްސާކުރައްވާ، ޚާއްސަކޮށް ނުނިމި ހުރި މައްސަލަތައް އަވަސްކުރުމަށް ހުރި ޢަމާޒުތަކުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އުއްތަމަ ފަޑިޔާރު ވިދާޅުވީ، ރާއްޖޭގައި ކޯޓުގައި އެކި މަރުހަލާތަކުގައި ބެކްލޮގް ނުވަތަ ނުނިމި ހުރި މައްސަލަތަކުގެ ގޮތުގައި 13،032 މައްސަލަ ބަލަމުންދާ ކަމަށެވެ. އޭގެތެރެއިން 585 މައްސަލައަކީ ނުނިމި، 5 އަހަރަށްވުރެ ގިނަވެފައިވާ މައްސަލަތައް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރު ވަނީ، މިއީ، ހުށައަޅާ މައްސަލަތަކުގެ ނިސްބަތުން ކުޑަ ޢަދަދެއް ނަމަވެސް، މީގެ ސަބަބުން ރާއްޖޭގެ އާބާދީގެ 3އިންސައްތައަށް އަސަރުކުރާ ކަމަށް ވިދާޅުވެފައެވެ.
ކޯޓުތަކުގައި މައްސަލަ ބެލުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މި އަހަރުގެ ނިޔަލަށް 6,185 މައްސަލަ ނިންމުމަށް އަމާޒު ހިފާފައިވާކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ނުނިމި ހުރި ހުރިހާ މައްސަލަތައް އަންނަ އަހަރުގެ ނިޔަލަށް ބަލައި ނިންމުމަށް އަމާޒު ކަނޑައަޅާފައިވާ ކަމަށެވެ.