އެމްޑީޕީން މީގެކުރިން ވެރިކަމުގައި އޮތްއިރު ކައުންސިލްތަކަށް ހޯދައި ނުދެވުނު އިންވެސްމަންޓް ފުރުސަތެއް މިހާރު ހޯދައިދެވޭނީ ކިހިނެއްތޯ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ސުވާލުއުފައްދަވައިފިއެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި، "ރަށްވެހި ތަރައްގީ" ގެ ނަމުގައި ކުރިއަށްގެންދާ އިންވެސްޓްމަންޓް ފޯރަމަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، 19 ވަނަ މަޖިލީހުން ބޮޑެތި ބަދަލުތަކެއް ގެނެސް، ކައުންސިލްތަކަށް ގާނޫނުން ބޮޑެތި ބާރުތަކެއް ދިނުމަށް ފަހު، ޖެހިގެން އައި ކައުންސިލް އިންތިހާބުގައި ގިނަ ރަށު ކައުންސިލްތަކެއް އެމްޑީޕީން ހޯދި ކަމަށެވެ. އަދި އޭރު ސަރުކާރާއި، މަޖިލީހާއި، މުޅި ސިސްޓަމް އޮތީ އެމްޑީޕީ މުށުތެރޭގައި ކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
ޝުޖާއު ވަނީ، ދަރަންޏަށް ޒިންމާވާގޮތައް ލޯނު ނެގުމާއި، ކުންފުނި ހެދުމާއި ފަޅުރަށް ދިނުންފަދަ ބޮޑެތި ބާރުތަކެއް ދެވިފައި އޮތް ހިނދު، އެވަގުތު ވެރިކަމުގައި އޮތް ޕާޓީގެ ހައިސިއްޔަތުން ކައުންސިލްތަކަށް ހޯދައި ނުދެވުނު އިންވެސްމަންޓް ފުރުސަތެއް މިހާރު ހޯދޭނެ ގޮތަކީ ކޮބާތޯ ސުވާލުއުފައްދަވާފައެވެ.
މީގެ އިތުރުން، ޝުޖާއު ވިދާޅުވީ މިއީ އެމްޑީޕީ ކައުންސިލްތަކަށް ކުރާ މަލާމާތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެެވެ. އެއީ ބޮޑެތި ބާރުތަކެއް ގާނޫނުން ކައުންސިލްތަކަށް ދެވުނު އިރުވެސް މާލޭ ސިޓީ ކައުންސިލަށް އެބާރުތައް ނުހިނގާތީ ކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، ސަރުކާރުން އެ ކައުންސިލަށް އޮތީ ހުރިހާ ކަމެއް މަނާކޮށްފައި ކަމަށެވެ. އެގޮތުން ޝުޖާއު ވިދާޅުވީ ކުންފުނި ހެދުމާއި، ހައުސިންގ ޕްރޮޖެކް ގެނައުމާއި، ރައްޔިތުން އެދޭ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ދަރަންޏަށް ޒިންމާވާގޮތައް ލޯނު ނެގުންފަދަ ކަންކަން ވެސް އޭރުގެ ސަރުކާރުން ސިޓީ ކައުންސިލަށް މަނާކޮށްފައިވާ ކަމަށެވެ.