އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.
ފުލުހުން ބުނީ، މި މަސައްކަތުގެ ދަށުން، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މައުލޫމާތު ޕްރޮފައިލްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން މިފަދަ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ނަސޭހަތްތެރިވުމަށްފަހު، މި އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު، ޓްރެފިކް ގާނޫނާއި ގަވާއިދުތަކުގެ ދަށުން ކުރިން ކުރަމުން އައި ޖޫރިމަނާގެ އިތުރުން، އިތުރު އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާއްސަ އޮޕަރޭޝަނުގެ ދަށުން ފުލުހުން އެންމެ ބޮޑު ސަމާލުކަމެއް ދީގެން ފިޔަވަޅު އަޅާނީ، ބިރުވެރިކަން އުފެދޭގޮތަށް ޒިގްޒެގްކޮށް ދުއްވުމާއި، އުޅަނދަށް ބަދަލުގެނެސް ސައިލެންސަރު އަޑުގަދަކޮށް ދުއްވުމާއި، ހަރު ބިންމަތީގައި ގާނަމުން ދުއްވުމުގެ އިތުރުން، ދުވެލިމަތަތަކަށް މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކަށެވެ.
މީގެ އިތުރުން ކަމާގުޅޭ އިދާރާތަކުގެ ހުއްދަ ނުނަގައި ރޭސްޖެހުމާއި ހުނަރުދެއްކުމާއި، ނުރައްކާތެރިކޮށް އޯވަޓޭކްކުރުމާއި، މަސްތުގެ ހާލަތުގައި ދުއްވުމާއި، ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލަން މަސައްކަތް ކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތުގެ ދަށުން ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހޯދައި، އުޅަނދު ދުއްވި ފަރާތުގެ އިތުރުން އުޅަނދުގެ ވެރިފަރާތަށް ވެސް ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށާއި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް، އޮންނަ އުސޫލުގެ ދަށުން ނައްތާލެވޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި، މިފަދަ ނުރައްކާތެރި އަމަލުތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ޝާމިލުވާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން އެ ފަރާތްތަކާމެދު އެޅެންހުރި އިދާރީ ފިޔަވަޅުތައް އެޅުމަށްޓަކައި، އެ މުވައްޒަފުން ނިސްބަތްވާ މުއައްސަސާތަކަށް އެ މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
މީގެއިތުރުން، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކުގެ ތެރެއިން އެ އަމަލު ތަކުރާރުކުރާ ފަރާތްތަކުގެ ވަނަވަރު އާންމުކުރަމުން ގެންދާނެ ކަމަށާއި، އަދި މިފަދަ ކަންކަމާ ގުޅިގެން އާންމުން ހިއްސާކުރާ ފޮޓޯއާއި ވީޑިއޯ ފަދަ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.