ރަށްރަށުގައި އިންވެސްޓް ކުރުމުގެ އެތަކެއް ފުރުސަތުތައް އެބައޮތް ކަމަށާއި، ކައުންސިލްތަކަށް އިންވެސްޓްމަންޓުގެ ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ބޭއްވި ކައުންސިލްތަކުގެ އިންވެސްޓެމެންޓް ފޯރަމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، އެ ފޯރަމްގައި ފެނިގެންދިޔައީ ޕްރޮޖެކްޓުތައް ހިންގުމުގެ ހުނަރާއި ގާބިލުކަން އަދި އީޖާދީ ވިސްނުން ކައުންސިލްތަކުގައި ހުރިކަން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ކައުންސިލްތަކަށް ބާރު ދޫކޮށްލުމާއި އަމިއްލަ ވިޔަފާރީ ކުރިއެރުވުމުގެ ސިޔާސަަތު ތަންފީޒުކުރަމުން އަންނަ ޕާޓީއެއް ކަމަށެވެ.

އެހެންކަމުން ކުޑަކުޑަ ފަންނީ އެހީތެރިކަމެއް ފޯރުކޮށްދީގެން ރަށްރަށުގެ ތަރައްގީއަށް ކައުންސިލްތައް މެދުވެރިކޮށް ބޮޑު ބަދަލެއް ގެނެވެން އެބައޮތް ކަމަށާއި، އެމްޑީޕީން ކައުންސިލްތަކަށް އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.