'މަދިރިން ރައްކާ' ސާފުކުރުމުގެ އިޖުތިމާއީ ހަރަކާތުގެ ދަށުން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މުވައްޒަފުން ނެއިބަރހުޑް 3ގެ ސަރަހައްދުތައް ސާފުކޮށްފިއެވެ.
އެޗްޑީސީން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ ކޯޕަރޭޝަންގެ ސްޓްރެޓީޖިކް މެނޭޖްމަންޓް، ސޭލްސް، ފައިނޭންޝަލް އޮޕަރޭޝަންސް، ކޮންޓްރެކްޓް މެނޭޖްމަންޓް އަދި ގުޅީފަޅު އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ މުވައްޒަފުންވެސް މި ހަރަކާތުގައި ބައިވެރިވެފައިވާ ކަމަށެވެ.
"މަދިރިން ރައްކާ" ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގެ ބައެއް ސަރަހައްދުތައް ފޮގުކުރުމާއެކު ސާފުކުރުމުގެ މަސައްކަތް މީގެ ކުރިން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މިދިޔަ ދެ ހަފްތާއިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހެއްގައި ވަކި ސަރަހައްދެއް ސާފު ކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ.
މިއީ މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށާއި، ތިމާވެށި ރައްކާތެރި ކުރުމުގެ ޒިންމާ އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. އެޗްޑީސީން ވަނީ ތިމާ ދިރިއުޅޭ ވެށީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ސާފުތާހިރުކަން އިސްކުރުމަށް އިލްތިމާސް ކޮށްފައެވެ.