ހުރިހާ ބާރެއް ޗެއަޕަރސަންގެ އަތްމައްޗަށް ދޫކުރުމުން އެމްޑީޕީގެ މުސްތަގުބަލު ބަނަވެދާނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮނގްރެސްގެ ނިންމުންތަކަށް ވޯޓުދޭނެ މެމްބަރުންނަށް މުހާތަބުކޮށް އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ރީކޯ ވިދާޅުވީ، އެމްޑީޕީ އުފެއްދި މަގްސަދުގެ ތެރޭގައި ޕާޓީގެ އިސް މަގާމުތަކެއްގެ ގޮތުގައި ރައީސް އާއި ނައިބު އަދި ޗެއާރގެ ނައިބުންގެ އިތުރުން އެހެން މަގާމުތައްވެސް ހިމަނާފައިވަނީ ގިނަބަޔަކަށް ގޮތްނިންމޭނެ އަދި ބައިވެރިވެވޭނެ ސިޔާސީ މުސްތަގުބަލު އޮތް ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ބޭއްވުމުގެ މަގުސަދުގައި ކަމަށެވެ.
21 އަހަރު އެމްޑީޕީ ދެމިއޮތުމުގެ ސިއްރަކީ ވެސް އެއީ ކަން ފާހަގަކުރައްވާ ރީކޯ ވަނީ، މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮނގްރެސްގައި އެ ޕާޓީގެ ގިނަ މަގާމްތަކެއް އުވާލާ ހުރިހާބާރެއް ޗެއަޕަރސަންގެ އަތްމައްޗަށް ދޫކޮށް "ޒައީމަށް ފަހާކޯޓެއްހެން" ޕާޓީ ގެ ބާރުތައް އެކަކަށް ދިނުމުން، ޕާޓީގެ މުސްތަގުބަލު ބަނަވެދާނެކަމަށް ފެންނަތީ ވިސްނާލުން މުހިއްމުކަން ފާހަގަކުރައްވާފައެވެ.
ރީކޯ އިތުރަށް ވިދާޅުވީ، ކޮންމެ ޗެއަރ އަކީ ހިތްތިރި އޯގާތެރިކަންމަތީ 21 ވަރަކަށްއަހަރު ސިޔާސީ މާބޮޑު މުހުތާދެއް ނެތި އުޅުއްވާނެ ބޭފުޅަކަށް ނުވެދާނެ ކަމަށެވެ. ނަމަވެސް އިރުއަރާއޮއްސޭއިރަށް ކޯފާއިސްކުރައްވާ ނިންމަވާ ނިންމުމަކުން ޕާޓީ އުވާލާފަދަ ބޭފުޅަކު ޗެއަރ އަކަށް އަތުވެދާނެތީ އެކަމަށް ސަމާލުކަން ދިނުމަށް ރީކޯ ވަނީ އެދިވަޑައިގެންފައެވެ.