އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 300،977 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، އެއީ މިއަހަރުގެ މިހާތަނަށް ރާއްޖެ ގޔއައި ފަތުރުވެރިންގެ 19 އިންސައްތައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންނާއި އަޅާބަލާއިރު 14 އިންސައްތަ އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 263,599 ފަތުރުވެރިންނެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމެވެ. މިދިޔަ އަހަރުތެރޭ ޗައިނާއިން ރާއްޖެއަށް 329,428 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ޗައިނާ ފިޔަވައި ދެން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 229,236 ފަތުރުވެރިންނެވެ. 3ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ 119,968 ފަތުރުވެރިންނެވެ.

މީގެ އިތުރުން، ސެޕްޓެމްބަރު މަހު ރާއްޖެއަށް 150,764 ފަތުރުވެރިން އައިސްފައިވާ ކަމާއި، ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދު 1.6 މިލިޔަން ހުރަސްކޮށްފައިވާ ކަމަށް ފަތުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކައެވެ.

މިއަހަރު ސަރުކާރުން ކަނޑައެޅި އަމާޒަކީ، 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުން ނަމަވެސް، މެދު އިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ވަނީ ކޮށްފައެވެ.