ރަށްރަށަށް ފައިސާ ދައުރުކުރާ ހަމައެކަނި ވަސީލަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމުގައި ހެދޭކަށް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ބޭއްވި ކައުންސިލްތަކުގެ އިންވެސްޓެމެންޓް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ، ކައުންސިލްތަކުން ޕްރޮޖެކްޓްތައް އުފައްދައި ތަންފީޒު ކުރުމަކީ އިންތިހާއަށް ބޭނުންވެފައިވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ ހަމައެކަނި މާލެ ސަރަހައްދަށް ތަރައްގީ ގެނައުމުން ރާއްޖޭގެ ރައްޔިތުން އެތަންތަނަށް ވަޒީފާތަކަށާއި، ދަރިންނަށް ތައުލީމު ހޯދައިދިނުމަށާއި، ބޭސްފަރުވާއަށް އަދި ރަނގަޅު ދިިރުއުޅުމެއް ހޯދުމަށް އަންނަން ޖެހޭނެ ކަމަށެވެ.

މާލެ ސަރަހައްދުގައި އެންމެ ބައިވަރު ޕްރޮޖެކްޓްތައް. މިއޮތް އަންނަނީ ރަސްމާލެ އަންނަނީ އެކިއެކި މާލެ ކިޔަކިޔައިގެން އެބަ އާދެ. ހުޅުމާލެ އެކޭ ކިޔާފަ ތަނެއް ހެދީ ވިލިމާލެ އެކޭ ކިޔާފަ ހެދީ އަނެއްކާ ރަސްމާލެ އެކޭ ކިޔާފަ މިތަނަށް އެބަ އާދެ ވަރަށް ބައިވަރު ޕްރޮޖެކްޓްތައް. އެހެންކަމުން ރާއްޖޭގެ ރަށްތަކުގެ ރައްޔިތުން މި ތަންތަނައް އަންނާނެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ މިހާރުވެސް ގްރޭޑް 1 ނެތް ކިތަންމެ ރަށެއް އެބަހުރި ކަމަށާއި ރަށްތައް ދަނީ ފަޅުވަމުން ކަމަށެވެ. އަދި މިއަންނަ އަހަރު ގްރޭޑް 2 ނޯންނާނެ ކަމަށާއި، އެގޮތަށް ކަން ހިނގަމުންދާނަމަ އެރަށެއްވެސް ނޯންނާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އަމާޒަކީ ރަށްރަށުގައި ރަނގަޅު ދިރިއުޅުމެއް ހޯދައިދެވޭތޯ ބެލުން ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެ ދިރިއުޅުން ހޯދައިދެވެން އޮތީ ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް އުފެދިގެން ކަަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ފެނަކައިން ކޮންމެ ރަށަކުން 100 މީހުން ނެގުމުން ރަށުގައި ފައިސާ ދައުރުވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމުން ރަށެއްގެ އިޤްތިސާދު ދެމެހެއްޓިނިވި ގޮތުގައި ހިފެހެއްޓިގެން ނުދާނެ ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރަށެއްގެ އިޤްތިސާދު ހިފެހެއްޓޭނީ، އިތުބާރާއެކީގައި ވަޒީފާގެ ފުރުސަތު ލިބިގެންދާ ރަނގަޅު ވިޔަފާރީއަކުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.