ރިކަރަންޓް ހަރަދުތަކުގެ ތެރެއިން މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު 10.1 އިންސައްތަ އިތުރުވެ 10.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.

އެގޮތުން އިދާރީ އަދި ހިންގުމުގެ ހަރަދުތައް 24.3 އިންސައްތަ އިތުރުވެ 18.1 ބިލިއަން ރުފިޔާއަށް މަތިވެފައިވާ ކަން ތަފާސްހިސާބުން ދައްކައެވެ.

ސަބްސިޑީއަށް ކުރި ހަރަދު 77.1 އިންސައްތަ އިތުރުވެ 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކައުންސިލްތަކަށް ދިން ގްރާންޓް 16.6 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ. އަދި އެހެނިހެން އެހީތަކާއި އިނާޔަތްތަކަށް ކުރި ހަރަދު 53.3 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހަރަދު ނުވަތަ ކެޕިޓަލް ހަރަދުތައް 18.7 އިންސައްތަ އިތުރުވެ 4.6 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ ތެރެއިން އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ކުރި ހަރަދު 18.7 އިންސައްތަ އިތުރުވެ 4.1 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އޭގެ ތެރޭގައި ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 35.2 އިންސައްތަ، ފާލަމާއި ބަނދަރު ހެދުމަށް ކުރި ހަރަދު 57.3 އިންސައްތަ، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ހަރަދު 49.3 އިންސައްތަ އިތުރުވެފައިވެއެވެ.

މީގެ އިތުރުން ކެޕިޓަލް އިކުއިޕްމަންޓަށް ކުރި ހަރަދު ވެސް ވަނީ 18.6 އިންސައްތަ އިތުރުވެ 0.5 ބިލިއަން ރުފިޔާއަށް އަރާފައެވެ.މި ރިޕޯޓުގައިވާ ގޮތުން 24 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޕްރައިމަރީ ސާޕްލަސް އަކީ 0.4 ބިލިއަން ރުފިޔާއެވެ. ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ރިކަރަންޓް ހަރަދާއި ތަރައްގީގެ މަޝްރޫއުތަކަށް ކުރި ޖުމްލަ ހަރަދަކީ 33.5 ބިލިއަން ރުފިޔާއެވެ.