އަމާން އުދަރެސްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ޓަވަރުގެ ބައެއް ފެންހޮޅިތަކަށް ގެއްލުން ލިބިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި، އަމާން އުދަރެސް 5 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި، ގުދަނެއް ގޮތަށް ތައްޔާރުކޮށްފައި ހުރި އެ ތަނުގައި ރޯވެ ހިނގި ހާދިސާގެ މަޢުލޫމާތު މިރޭ 18:43 ހާއިރު ލިބުމާ އެކު، ފަޔަރ ފައިޓަރުން އެތަނަށް ގޮސް ކުރި މަސައްކަތުން 18:50 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅޭގޮތުން އެފްޑީސީން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ މި ހާދިސާގައި ޓަވަރުގެ ބައެއް ފެންހޮޅިތަކަށް ގެއްލުން ލިބިފައިވާތީ، އެ ހޮޅިތައް މަރާމާތުކުރުމުގެ މަސައްކަތް އެފްޑީސީން މިހާރު ކުރަމުންދާ ކަމަށެވެ.
އެހެންކަމުން، މަރާމާތުގެ މަސައްކަތް ނިމެންދެން އެ ޓަވަރުގެ ބައެއް ޔުނިޓުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ. މި މަސައްކަތް ކުރިއަށް އޮތް 2 އާއި 3 ގަޑިއިރުގެ ތެރޭގައި ނިންމައި، ޚިދުމަތްތައް އަލުން އިއާދަކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.