ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު 25 އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރަން އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
ޝަމްއާން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނަވަނިކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި 2025 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. މި މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ވަނީ 278 ދުވަސް ބަންދުގައި ހޭދަކޮށްފައެވެ.
ދައުލަތުން ޝައްމާންގެ މައްޗަށް އުފުލީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އެ ކުށްތައް ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށް ލާން ހުކުމްކުރީ މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.
އެގޮތުން ފޭރުމުގައި ބައިވެރިވުމުގެ ކުށަށް 8 އަހަރު، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށަށް ދެ އަހަރު އަދި މަނީ ލޯންޑަރިންގެ ކުށަށް 15 އަހަރުގެ ޖަލު ހުކުމަކާއެކު ފަސް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ.
ޝައްމާންގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރަން މިހާރު ވަނީ ހުށަހަޅައިފައެވެ. އެހެންނަމަވެސް، ހައިކޯޓުން އެ މައްސަލަ ބަލައިގަތް ކަމެއް އެނގިފައެއް ނުވެއެވެ.
މި މައްސަލައިގައި ޝައްމާންއާއެކު ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒަފުންގެ ތެރެއިން ހަތަރު މީހަކު ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހަދައި ލުއި އަދަބެއް ހޯދައިފައެވެ. ޝައްމާންގެ މައްޗަށް ކުށް ސާބިތުވީ އެ މީހުން ކުށަށް އިއުތިރާފުވެ، ޝަައްމާނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ދިން ހެކިބަހާއެކުއެވެ.