ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން، އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފަށް ހެދުން އަޅާނަމަ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ހިދުމަތުން ދީފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހި މުޖުތަމަޢުގެ އަހްލާގީ އަދި އާންމު އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓުމަކީ، ރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުން އަދާކުރަންޖެހޭ އާންމު މަސްއޫލިއްޔަތެއް ކަމަށެވެ.

އެހެންކަމުން، ރާއްޖޭގެ ސަގާފަތާއި އާދަކާދައަށް އިހުތިރާމްކުރުމާއެކު، އާންމު އަހުލާގީ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ބިދޭސީންނަށް ވަނީ ހަނދާންކޮށްދީފައެވެ. މިހާރަކަށް އައިސް ބައެއް ބިދޭސީންގެ ފަރާތުން މަގުމައްޗާއި އާންމު ތަންތަނުގައި، މުޖުތަމައުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަމަށް ބުރޫއަރާ ފަދަ އަމަލުތައް ފެންނަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން، މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ޢާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު ގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. އަދި ބިދޭސީން ބަލަހައްޓާ ފަރާތްތަކުން، އެފަރާތްތަކުގެ ދަށުގައި ތިބޭ ބިދޭސީންގެ ކިބައިން މިފަދަ ޢަމަލުތައް ނުފެންނާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ފުލުހުން ވަނީ ބިދޭސީންނާއި ހަވާލުވެތިބި ފަރާތްތަކަށް އެފަރާތެއްގެ ބެލުމުގެ ދަށުން ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކިބައިން މިފަދަ އަމަލުތައް ނުފެންނާނެ ގޮތަކަށް އެ ބިދޭސީންގެ އަމަލުތައް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށް، ހަނދާންކޮށްދީފައެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށް ކަނޑައަޅާފައިވާ ސަރަހައްދުތައް ފިޔަވައި، އެނޫން އާންމު ތަންތަނާއި މަގުތަކުގައި ފަތުރުވެރިން އުޅޭ އުޅުމުގައި ދިވެހި މުޖުތަމައުގެ ސަގާފަތާއި އާދަކާދައަށް އިހުތިރާމުކޮށް، މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް ހެދުން އެޅުމަށް އެފަދަ ފަރާތްތަކަށް ހިދުމަތް ދޭފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެފަރާތްތަކަށް ވަނީ ފުލުހުން އިލްތިމާސްކޮށްފަ އެވެ. އަދި މިއާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިންޒާރުދީފައިވެއެވެ.