ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.
ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުދައްކާގޮތުގައި މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 28.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.1 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 21.3 ބިލިއަން ރުފިޔާއިން 23.3 ބިލިއަން ރުފިޔާއަށް އިތުރުވެ، 9.5 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އަދި ފާއިތުވެދިޔަ ހަފުތާގައި ދައުލަތަށް ލިބުނު މައިގަނޑު އާމްދަނީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ހިމެނެއެވެ.
ޓީ.ޖީ.އެސް.ޓީގެ ގޮތުގައި މިހާތަނަށް 7.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 7.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.7 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ 1.2 ބިލިއަން ރުފިޔާއިން 1.2 ބިލިއަން ރުފިޔާއަށް އުފުލި، 1.7 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުން ވެސް މިދިޔަ އަހަރާ އަޅާބަލާއިރު ކުރިއެރުންތަކެއް ވަނީ ފެނިފައެވެ. އެގޮތުން އިމްޕޯޓް ޑިއުޓީ 13.1 އިންސައްތަ އިތުރުވެ 2.484 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ވިޔަފާރި އާއި މުދަލުގެ ޓެކުހުން ލިބުނު އާމްދަނީ 21.4 އިންސައްތަ އިތުރުވެ 5.7 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އާންމު މުދަލާއި ހިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) 10.8 އިންސައްތަ އިތުރުވެ 4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކުހުން ލިބުނު އާމްދަނީ 8.8 އިންސައްތަ އިތުރުވެ 1.4 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފަކަން ތަފާސްހިސާބުން ދައްކައެވެ.
މުދަލުން ލިބޭ އާމްދަނީ 25.3 އިންސައްތަ އިތުރުވެ 1.856 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ދެގުނައަށްވުރެ އިތުރުވެ 0.237 ބިލިއަން ރުފިޔާއިން 0.496 ބިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 33.562 ބިލިއަން ރުފިޔާގައެވެ.
މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 28.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 18.8 އިންސައްތަ އިތުރު އަދަދެކެވެ. ރިކަރަންޓް ހަރަދުތައް 24.3 ބިލިއަން ރުފިޔާއިން 28.8 ބިލިއަން ރުފިޔާއަށް ނުވަތަ 18.8 އިންސައްތަ ވަނީ އިތުރުވެފައެވެ. މީގެ ތެރެއިން އާސަންދައަށް ކުރި ހަރަދު 23.3 އިންސައްތަ އިތުރުވެ 1.7 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.