މިދިޔަ މަހު 150،000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ސެޕްޓެންބަރު މަހު ރާއްޖެއަށް މުޅި ޖުމްލަ 150,764 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވަނީ 151,114 ފަތުރުވެރިންނެވެ. އެގޮތުން މިއީ 0.2 އިންސައްތަ ދަށް އަދަދެކެވެ. މިއާއެެކު އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިވަނީ 1,603,021 އަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,659,031 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 3.4 އިންސައްތަ ދަށް އަދަދެކެވެ.
މިދިޔަ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5,872 ފަތުރުވެރިން ޒިޔާރާތްކުރި އިރު މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 26ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ރާއްޖެއަށް 6,284 ފަތުުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމަކީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތެވެ.
ޗައިނާއިން 300,977 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ރަޝިއާއިން 229,236 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އިނގިރޭސިވިލާތުން 119,968 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ޖަރުމަނުވިލާތުން 99,062 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އޭގެ އިތުރުން އިޓަލީވިލާތް 98,039 ފަތުރުވެރިން ވެސް ވަނީ ޒިޔާރަތް ކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އެތެރެވެފައިވަނީ ވައިގެ މަގުންނެވެ. އެގޮތުން 1,587,438 ފަތުރުވެރިން ވައިގެ މަގުން އެތެރެވެފައިވެއެވެ. މީގެ ތެރެއިން 1,569,214 ފަތުރުވެރިން އައީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. މީގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން 5,606 ފަތުރުވެރިން، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން 5,032 ފަތުރުވެރިން، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން 3,331 ފަތުރުވެރިން، މާމިގިލީ އެއަރޕޯޓުން 2,971 ފަތުރުވެރިން އަދި ދާލު އެއަރޕޯޓުން 1,284 ފަތުރުވެރިން އެތެރެވިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1,158,404 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 345,220 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓާތަކުގައި 36,106 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 29,679 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.