މާތް ﷲ ހަނދުމަކުރުމަކީ ހިތްތަކުގެ ދިރުން ކަމުގައި މިއަދުގެ ހުކުރު ހުޠުބާގައި ހަނދާންކޮށްދީފިއެވެ.
"ގިނަގިނައިން ﷲ ހަނދުމަކުރުން" މި މައުޟޫއުގައި މިއަދު ދިން ހުކުރު ހުޠުބާގައި ބުނީ އަހަރެމެން މިއަދު މި ވޭތިކުރަމުންދަނީ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކުން ފުރިފައިވާ ދުވަސްތަކެއް ކަަމަށެވެ. އަދި ދިރިއުޅުމުގެ ދަތިތަކާއި ފިކުރުތަކުގެ ޝަކުވާނުކުރާ މީހަކު މަދު ކަމަށާއި ނަމަވެސް، މި ހުރިހައި ތަކުލީފުތަކަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ކަމުގައި ހުޠުބާގައި ބުނެފައި ވެއެވެ. މާތް ﷲ ހަނދުމަކުރުމަކީ ހިތްތަކުގެ ދިރުން ކަމަށާއި އެއީ އެކަލާނގެ މަތިވެރި ޙަޟްރަތާ ކުއްތަންވުމަށް އޮތް އެންމެ ފަސޭހަ އަދި އެންމެ ކުރު މަގު ކަމަށް ހުޠުބާގައި ބުނެފައި ވެއެވެ.
ޛިކުރުކުރުމުގެ ސަބަބުން އިންސާނާގެ ނަފުސަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭ ކަމަށާއި ދިރިއުޅުމުގެ ހާސްކަމާއި ބުރަކަން ފިލުވައިދޭ ކަމަށް ހުޠުބާގައި ބުނެފައި ވެއެވެ. ޚުޠުބާގައި ބުނީ މާތް ﷲގެ މަތިވެރިކަމާއި، ހައިބަވަންތަކަމާއި، ކާއިނާތުގައިވާ އެންމެހައި ނިޢުމަތްތަކަކީ އެކަލާނގެ ދެއްވި ތަކެތިކަން ގަބޫލުކޮށް، އެކަލާނގެ މަދަދާއި ނަޞްރު އަބަދުވެސް އަހަރެމެންނާ އެކުގައި ވާކަން އިހުސާސްކޮށްދޭ ކަމަށެވެ.
ހުޠުބާގައި ބުނީ މާތް ﷲ ހަނދުމަކުރުން މައިގަނޑު ތިން ބަޔަކަށް ބެހިގެންވާ ކަމަށާއި ފުރަތަމައީ، ހިތުގެ އިޚްލާޞްތެރިކަމާއެކު ހަނދުމަކުރުން ކަމަށެވެ. އަދި މިއީ މާތް ﷲގެ ކުޅަދުންވަންތަކަމާއި، މި ކައުނުގައިވާ އެކަލާނގެ މަތިވެރި އުފެއްދުންތަކާ މެދު ފުންކޮށް ފިކުރުހިންގައި، ތަޞައްވުރުކޮށް، ތިމާ ކުރާ ކޮންމެ ކަމެއް މާތް ﷲ ބައްލަވައިވޮޑިގެންވާކަން ދަނެ، އެކަލާނގެއަށް ބިރުވެތިވުމާއި، ލޯބިވުމާއި، ވަކީލުކުރުމުގެ ސިފަ ހިތުގައި ވަރުގަދަކުރުން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ދެވަނައީ، ދުލުން ޛިކުރުކުރުމެވެ. އެއީ މާތް ﷲގެ މަތިވެރިކަން ބަޔާންކޮށް، އެކަލާނގެއަށް ޙަމްދާއި ޘަނާގެ ކަލިމަތައް ދުލުން ކިޔައިއުޅުމެވެ. އޭގެ ތެރޭގައި ކީރިތި ޤުރްއާން ކިޔެވުމާއި، ތަސްބީޙަކިޔުމާއި، ފާފަފުއްސެވުމަށް އެދި ދުޢާކުރުމުގެ އިތުރަށް، ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތްކިޔެވުން ހިމެނޭ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ތިންވަނައީ، ޢަމަލީ ގޮތުން ނުވަތަ ގުނަވަންތަކުގެ ޒަރީޢާއިން މާތް ﷲ ހަނދުމަކުރުން ކަމަށެވެ. ފަރުޟު ފަސް ނަމާދު އަދާކުރުމާއި، ރޯދަ ހިފުމާއި، ޒަކާތް ދިނުމާއި، ޙައްޖާއި ޢުމްރާގެ އަޅުކަން ފުރިހަމަކުރުމަކީ މީގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. ހަމަ އެއާ އެކު، މައިންބަފައިންނަށް އޯގާތެރިވުމާއި، މީސްތަކުންނަށް އެހީތެރިވެ ހެޔޮ ފޯރުވުމަކީ ވެސް ޢަމަލުން މާތް ﷲ ހަނދުމަކުރުމުގެ މަތިވެރި ނަމޫނާތަކެއް ކަމަށާއި، މާތް ﷲގެ މަތީން ހަނދުމަކުރުމަކީ ޝައިޠާނާގެ ވަސްވާސްތަކާ ދުރުކޮށްދީ، ރަޙުމާނުވަންތަ ރަސްކަލާނގެ ރުހިވޮޑިގަތުން ހޯދައިދޭ، މަތިވެރި އަޅުކަމެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އެއީ ހިތްތަކުން ހާސްކަމާއި މޮޅިވެރިކަން ފިލުވައިދީ، އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭ ކަމެއް ކަމަށާއި ޛިކުރުކުރުމުގެ ސަބަބުން ހަށިގަނޑަށް ދިރުމާއި ބާރު ލިބި، މޫނުމަތީގެ އުޖާލާކަމާއި ހައިބަތު ފާޅުވާކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
"އެއުރެންނީ، إيمانވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟" މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ޛިކުރު ކުރުމުގެ ސަބަބުން މާތް ﷲއަށް އޮންނަ ލޯތްބާއި، އެކަލާނގެ މަތިވެރިކަން ހިތުގައި ބިންވަޅުނެގި، އެކަލާނގެ حضرةއަށް ކުއްތަންވުމުގެ މަގުފަހިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޚުޠުބާގައި ބުނީ ޛިކުރުކުރުމަކީ މަރުވެފައިވާ ހިތްތަކަށް ދިރުންދީ، ޣާފިލުކަމުގެ ނިދީން އިންސާނާ ހޭލައްވައިދޭ ކަމެއް ކަމަށާއި ޛިކުރުކުރުމަކީ ހިތުގެ ކާނާ ކަމަށެވެ.