ތިލަފުށި ޕޯޓްގެ މަސައްކަތް ނިމޭއިރު ބާޒާރު ސަރަހައްދުގައި ހުރި ހުރިހާ ވިޔަފާރިއެއްވެސް ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ތިލަފުށީގައި ކުރިއަށްދާ މައި ބަނދަރުގެ މަސައްކަތްތައް ސީދާ ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވުމަށް ފަހު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ވަޒީރު ވިދާޅުވީ، ތިލަފުށީ ޕޯޓުގެ މަސައްކަތަކީ ރައީސް މުއިއްޒު އެންމެ ގާތުން ބައްލަވަމުން އަންނަ އެއް މަޝަރޫއު ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދަންވީ ކަމަށް 20 ވަރަކަށް އަހަރު އެކި ވެރިކަންތަކުގައި އެކި ބޭފުޅުން ވިދާޅުވެފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ހަގީގަތުގައި އެޅިފައޮތް ހުރަހަކީ ރާއްޖޭގެ ވިޔަފާރިއާއި އިގްތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ޒަމާނުއްސުރެ އޮތް ބޮޑު މައްސަލައެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، މި މަޝްރޫއު ނިމޭ އިރު އިންޓަނޭޝަނަލް ކީ ވޯލްއާއި، އިންޓަނޭޝަނަލް ބަނދަރާއި، އެތަނުގެ ސްޓީރޭޖް ވެއާހައުސް ގެ އިތުރުން ބަޒާރުމަތީގެ ހުރިހާ ފިހާރައެއް ތިލަފުއްޓަށް ބަދަލު ކުރެވޭނެ ކަމަށެވެ. އަދި ގޯޑައުން ސްޕޭސް އާއި ފްރީ ޒޯންގެ އިތުރުން މާލެ އާ ތިލަފުށި ގުޅިު އިންބައުންޑް ކާގޯ ވެސް ދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި މަޝްރޫއުގެ އެންމެ ބޮޑު އުފަލެއް ލިބިގެން ދަނީ ރާއްޖޭގެ ވިޔަފާރި ވެރިންނަށާއި، ރާއްޖޭގެ ވިޔަފާރިތަކަށް އިންވެސްޓު ކުރާ ފަރާތްތަކަށް ކަމަށެވެ. އަދި މި މަޝްރޫއު ހިނގަގޮތް ގާތުން ބެއްލެވުމަށް ރައީސް މުއިއްޒު ވަޑައިގަތުން އެއީ މަޝްރޫއަށް ލިބުނު ވަރަށް ބޮޑޫ ހިއްވަރެއް ކަމަވެސް ވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.