މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ 2 މެންބަރަކު އެ މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރި ޕޯސްޓެއްގައި ބުނީ، އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފައި ވަނީ އެ ކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރު، ހ. ފިނޮޅު، މުހައްމަދު މިހާދު އަދި ބޯޑު މެންބަރު، މ. ވެލާލުގެ، ސަހަރު ވަހީދު ކަމަށެވެ.
އެމްއޭސީއެލްގެ ބޯޑުން ވަކިކުރި މިހާދު ހުންނެވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސާ (ސީސީއޯ) ގެ މަގާމުގައެވެ. މީގެ ކުރިން އޭނާއަކީ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) ގެ ބޯޑު ޗެއާމަންކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާއި، އެސްޓީއޯގެ އެގްޒެކްޓިވް ޑިރެކްޓަރު އަދި ސީއެފްއޯގެ މަގާމާއި، އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ފަދަ ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތައް އޭނާ ވަނީ ފުރުއްވާފައެވެ.
މީގެ އިތުރުން އެމްއޭސީއެލްގެ ނޮން-އެގްޒެކްޓިވް ބޯޑު މެންބަރުކަމުން ވަކިކުރި ސަހަރަކީ ބޭންކިން ދާއިރާގައި 18 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޝަންސް އޮފިސާ (ސީއޯއޯ) ގެ މަގާމުގައެވެ. ސަހަރު ވަނީ އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްއިން އިގްތިސޯދީ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައެވެ.