ދިވެހި ރާއްޖޭގެ ވެރިންގެ އެންމެ ބޮޑު މަސައްކަތަކީ ދިވެހިންގެ ސަލާމަތާ ރައްކާތެރިކަމަށް އަބަދުވެ ހިސަބު ޖަހަން ކަމަށްވާ އިރު ބައިނަލްއަގްވަަމީ ގުޅުންތައް ބާއްވަންވީ ގޮތެއް ވެރިކަމުގައި ތިއްބެވި ވެރިންނަށް ސާފުނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީގެ 5 ވަނަ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝިދު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫއަރައިގެން ދަނީ ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ތަނެއް ދޮރެއް ނޭނގި، ދުނިޔެ ހިނގާ މަގު އޮޅުންނުފިލާތީ ކަމަށާއި، "ގަމާރުން" ވެރިކަމުގައި ބަހައްޓަން ޖެހުނީމައި ކަމަށެވެ.

އެގޮތުން މިހާރުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުން ފެންނަނީ ބައިނަލްއަގްވާމީ ގުޅުންތައް ބާއްވަންވީ ގޮތް އެއްގޮތަކަށްވެސް ސާފުނުވާ މަންޒަރުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ދުނިޔެ ހިނގާ މަގާއި ސިޔާސީ މަސްރަހު ހިނގާ ގޮތް ވެރިންނަށް އެއްވެސް ވަރަކަށް އޮޅުންފިލައިފައި ނުވާ ކަމަށެވެ.

" އީރާނު ކައިރީގައި ރަނގަޅަށް ޔޫއޭއީ ބޮން އަޅަން ރަނގަޅަށް އިލްތިމާސް ކުރާނެ. އަނެއް ދުވަހު އަނެއްކާ ޔޫއޭއީ ވަޑައިގެން ހުންނަވާ ފައިސާގެ ވާހަކަ ދައްކަވާނެ. ތުރުކީވިލާތަށް ގޮސް ޑްރޯން ގަންނާނެ. ހަމަ އެ ދަތުރުގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގަންނަވާނެ. ޗައިނާއަށް ދާނެ ހަމަ އެ ދަތުރުގައި އިންޑިއާ އަށް ދާނެ. އެއްގޮތަކަށް ވެސް މި ދުނިޔެ ހިނގާ މަގު ހިނގާ ގޮތް މި ބޭފުޅުންނަކަށް އޮޅުމެއް ނުފިލާ"

ކުރީގެ ރައީސް، މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ، މިފަދަ ބޭފުޅުންގެ އަތްމަތީގައި ރާއްޖޭގެ ވެރިކަން ބާއްވަން ހެޔޮނުވާނެ ކަމަށެވެ.

" އަޅުގަނޑުމެންގެ އިސްތިގްލާލު، އަޅުގަނޑުމެންގެ މިނިވަންކަމަށް ބުރޫއަރާ ދާނީ އަޅުގަނޑުމެންގެ ވެރިންނަށް ތަނެއް ދޮރެއް ނޭނގުނީމާ. މިތިބަ ގަމާރުން އަޅުގަނޑުމެންގެ ތެރޭގައި ވެރިކަމުގައި ބަހައްޓަން ޖެހުނީމަ "

ކުރީގެ ރައީސް، މުހައްމަދު ނަޝީދު

މީގެ އިތުރުން ނަޝީދު ވިދާޅުވީ، މިނިވަންކަމާއި އިސްތިގްލާލު ގެއްލެނީ ރާއްޖޭގައި ބޭރުގެ ވިޔަފާރިވެރިންނަށް ވިޔަފާރި ކުރުމުގެ ހުއްދަ ދީގެން ނުވަތަ ބޭރު މީހުން މިތަނުގައި ދިރިއުޅުމުގެ ހުއްދަ ދީގެން ނޫން ކަމަށާއި، އެއީ މިސަރުކާރަށް ވެރިކަން ހިންގަން ނޭގުމުން ކަމުގައި ނަޝިދު ވިދާޅުވިއެވެ.