ޕާޓީއަށް ލިބޭމާލީއެހީ ބޭނުންކުރާނީ 2 ފަރުދެއްގެ އިޝްތިހާރު ތައްޔާރުކުރުމަށް އެކަނި ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ކުރެއްވި ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވާ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރީކޯ ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ނިމިގެންދާއިރު, މުސްތަޤްބަލްގައި ވެސް ޕާޓީ ދެމިއޮތުމަށް ބޭނުންވާ އެންމެ މުހިންމުކަމެއްގެގޮތުގައި ބަލަންޖެހޭނެ އެއް މައްސަލައަކީ، 2023 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލުމުގައި ދިމާވި އެންމެ މުހިންމު އެއް މައްސަލަ ކަމަށެވެ. މިގޮތުން ޕާޓީގެ އިސް ސަފުގައި އުފެދުނު ޢާއިލީ ތަޅާފޮޅުމުގެ ސަބަބުން ޕާޓީއަށް ލިބުނު ގެއްލުން މެދުވެރިވި ސަބަބު ރީކޯ ވަނީ ފާހަގަކުރައްވާފައެވެ. އަދި އިތުރަށް އެފަދަކަންކަން ތަކުރާރު ނުވުމަށް ކުރެވިދާނެ މުހިންމުކަމަކީ ކޮބައިތޯބަލައި މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ރީކޯގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޕާޓީގެ އެތަކެއް ޚިދުމަތްތެރިންގެ ކުރިމަތީގައި 21 އަަހަރުވީ އެމްޑީޕީ ތަމްސީލުވާން ވާނީ 2 ފަރުދެއްގެ ބާރުގައި ހިނގާ ޚުދްމުޚްތާރު ވެރިކަމެއްގެ ގޮތުގައި ނޫންކަން މުސްތަޤްބަލްގެ ޢާންމު މެމްބަރުންނަށް އެގެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޕާޓީއަށް ލިބޭ މާލީއެހީތެރިކަން ބޭނުންކުރެވެން ވާނީ 2 ފަރުދެއްގެ ސިޔާސީ އިޝްތިހާރު ތައްޔާރުކުރުމަށް ނޫންކަންވެސް ކަށަވަރުވާންޖެހޭ ކަމަށް ގިނަ ދުވަސްތަކެއްވަންދެން މަޖިލިސް މެންބަރުކަން ކުރެއްވި ރީކޯ މޫސަ ވިދާޅުވިއެވެ.