މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަތް އަދަދު، 2025 ވަނަ އަހަރު ލިބުނު ޖުމުލަ އަދަދަށް ވުރެ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ގޮތުގައި، މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 109,262,025.69 މިލިއަން ދިވެހި ރުފިޔާ ވަނީ ބަލައިގަނެފައެވެ. އަދި މިއީ 2025 ވަނަ އަހަރު އެއްކޮށް ލިބުނު 106,456,071.00 ރުފިޔާއަށް ވުރެ 2,805,954.69 ރުފިޔާ އިތުރު އަދަދެއް ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ޒަކާތު ހައުސްއިން ބުނީ، މިއަހަރުގެ މިހާ ތަނަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަކީ 2025ވަނަ އަހަރު ބަލައިގަތް ޖުމުލަ އަދަދާ އަޅާބަލާ އިރު ގާތްގަނޑަކަށް 2.64 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރު 30ގެ ނިޔަލަށް ދިވެހި ރުފިޔާއިން ޖުމްލަ 108,739,116.62 ރުފިޔާ ލިބިފައިވާއިރު، 34,021.41 ޔޫ.އެސް ޑޮލަރު ވެސް ލިބިފައިވާ ކަމަށް ޒަކަތު ހައުސްއިން ބުނެއެވެ.

މީގެ އިތުރުން، މި ދިޔަ އަހަރުގެ ޖުމުލަ އަދަދު ފަހަނަޅައި ގޮސްފައި މިވަނީ މި އަހަރު ނިމެން އަދި ތިން މަސްދުވަސް ބާކީ އޮއްވައިކަން ފާހަގަކޮށް ޒަކާތު ހައުސްއިން ބުނީ، އޮކްޓޫބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ލިބޭ ފައިސާ އަދި މި އަހަރުގެ ޖުމުލަ އަދަދަށް އިތުރުވާނެ ކަމަށެވެ.