އޯޓިޒަމާއި އޭޑީއެޗްޑީ ހުންނަ މުހައްމަދު ފައްޔާހް ހަސަން (ދޮންކަލޯ) އާއި އޭނާގެ ބައްޕަ ދިރިއުޅޭނެ ގެއެއް އަޅައިދިނުމަށް ޓިކްޓޮކް ކޮމިއުނިޓީން އިސްނަގައިގެން ކުރިއަށް ގެންދިޔަ ލައިވްގައި 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ބައްޕަ ފަޔާޒުއާއެކު، ބ. ހިތާދޫގައި ދިރިއުޅެމުން އަންނަ އުމުރުން 19 އަހަރުގެ ދޮންކަލޯގެ އުމުރުން 13 އަހަރުވަންދެން އޭނާ ބެލެހެއްޓީ މަންމައެވެ. އޭގެ ފަހުން ފަޔާޒްއާ ދޮންކަލޯ ބަލަން ހަވާލުކުރުމުން، އޭރު ކަސްޓަމްސްގައި ކޮންޓެއިނަރު ކްލިއާ ކުރުމުގެ ވަޒީފާގައި އުޅުނު ފަޔާޒް ދޮންކަލޯއަށް ވަގުތު ހުސްކުރުމަށް ވަޒީފާއިން ވަކިވެ، އުފަން ރަށަށް ބަދަލުވިއެވެ. ފަޔާޒް ރަށަށް ބަދަލުވެ ރުއް ކެނޑުން ފަދަ މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދަމުން އަންނައިރު ހަރަދުތައް ހަމަޖައްސަނީ އެ މަސައްކަތުންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުންދޭ އެލަވަންސުންނެވެ.
ފަޔާޒް ހުރީ ދިރިއުޅުމުގެ ހުރިހާ ވަގުތެއް ދަރިފުޅު ދޮންކަލޯއަށް ހުސްކޮށްގެންނެވެ. އެކަން އޭނާގެ ޓިކްޓޮކް އެކައުންޓުން ފެނިގެންދެއެވެ. އޭނާގެ 24 ގަޑިއިރުގެ ވަޒީފާއަކީ ދަރިފުޅު ބެލުމެވެ.
މީގެ ކުރިން "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި ފަޔާޒް ބުނީ ކޮވިޑްގެ ކުރިން ދޮންކަލޯއަށް ތެރަޕީ ދިން ނަމަވެސް އޭގެ ފަހުން އަތްމަތި ދަތިވެ ފަރުވާތައް ވެސް ހުއްޓާލީ ކަމަށެވެ. ރަށުގައި އާއިލާ މީހެއްގެ ގޭގައި ދިރިއުޅެމުން އަންނަ ފަޔާޒް ބުނީ އޭނާގެ އެންމެ ބޮޑު އުންމީދަކީ ހަދަން ފަށައި މަސައްކަތް ހުއްޓިފައިވާ ގެ ހަދައި ދޮންކަލޯ އެތަނަށް ގެންދިއުން ކަމަށެވެ.
ދިވެހި ޓިކްޓޮކް ކޮމިއުނިޓީގެ މަޝްހޫރު އެމްޓީޕީ އާއި މަރިޔަމް ސަމާ އިސްނަގައިގެން ކުރިއަށްގެންދިޔަ އެ ހަރަކާތު"ހިޔާ ފޯ ދޮންކަލޯ"ގެ ނަމުގައި ރޭ 9:00 ގައި ފެށި ލައިވް އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ދޮންކަލޯގެ ބައްޕަ ހަސަން ފަޔާޒުގެ ރަސްމީ ޓިކްޓޮކް އެކައުންޓުންނެވެ. އެ އިވެންޓުގައި، ރާއްޖޭގެ ޓިކްޓޮކްގައި މަޝްހޫރު އެތައް ހޯސްޓުންނެއް ބައިވެރިވެ، ފައިސާ ހޯދުމުގެ މަސައްކަތުގައި ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން އެ ލައިވް ފެށުނުތާ ފުރަތަނަ 30 މިނިޓުތެރޭގައި 14،000 އަށްވުރެ ގިނަ މީހުން ލައިވް ބަލަމުން ދިޔައިރު އެ ހަރަކާތް ނިމުނު އިރު 12،000 މީހުން ބަލަމުން ދިޔަ އެވެ. އެ ލައިވް ކުރިއަށް ގެންގޮސްފައި ވަނީ ރޭ ދަންވަރު 1:00 އާ ހަމައަށެވެ.
ފަޔާޒް ބުނީ އެ ލައިވްގައި 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޭނާގެ ބީއެމްއެލް އަދި އެމްއައިބީ އެކައުންޓުތަކަށް ޖަމާވެފައިވާ ކަމަށެވެ. މީގެ އިތުރުން އެ އަދަދަށް ފައިސާ ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށާއި، އެ ލައިވް އިންތިޒާމް ކުރި މީހުންނާއި ފައިސާ ހަދިޔާކުރި އެންމެންނަށް ފަޔާޒް ވަނީ ޝުކުރު އަދާކޮށްފަ އެވެ.