ކިންގްޑަމް އޮފް މޮރޮކޯގެ 18 ވަނަ ބޮޑުވަޒީރުގެ މަޤާމަށް ފާޠިމާ އައްޒަހުރާ އަލްމަންޞޫރީ ޢައްޔަންކުރެއްވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަނާއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި ސިޓީފުޅުގައި، އެކަމަނާއަކީ މޮރޮކޯގެ ފުރަތަމަ އަންހެން ބޮޑުވަޒީރުކަން ފާހަގަކުރައްވައި، މިއީ އެ ޤައުމަށާއި މުޅި ޢަރަބި ދުނިޔެއަށް ވެސް ލިބުނު ތާރީޚީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި އެކަމަނާއަކީ މުޅި ޢަރަބި ދުނިޔޭގައި ވެސް މިފަދަ މަޤާމެއް ފުރުއްވާ ދެވަނަ އަންހެން ބޭފުޅާކަން ފާހަގަކުރައްވައި، މިއީ އެ ސަރަޙައްދުގެ ސިޔާސީ ޙަޔާތުގައި އައު ބާބެއް ހުޅުވިގެންދިޔަ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެކަމަނާ މި މަޤާމަށް ޢައްޔަންކުރެއްވުމަކީ އަންހެނުންގެ ހިންގުންތެރި ކަމުގެ ވަރަށް ފުރިހަމަ މިސާލެއް ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެނުންނަށް ލިބުނު ބޮޑު ހިތްވަރެއް ކަމުގައެވެ. މީގެއިތުރުން، އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށާއި، މުޖުތަމަޢުގެ އެކި ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އަހައްމިއްޔަތުކަން ދެއްވާނެކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
ދިވެހިރާއްޖެއާއި މޮރޮކޯއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ، އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވަމުން، މި ވަރުގަދަ ބިންގަލުގެ މަތީގައި، ދެ ޤައުމަށް ވެސް ފައިދާހުރި ގޮތުގައި މިގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އައު ބޮޑުވަޒީރާއެކު ގާތުން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ، ބޮޑުވަޒީރު އަލަށް ޙަވާލުވެ ވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގައި، ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެން، މޮރޮކޯއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ހޯއްދަވައިދެއްވުމަށް އެކަމަނާ ކުރައްވާ މަސައްކަތްޕުޅުތަކަށް އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރައްވަމުންނެވެ.