އޭޖްޑް ކެއާ މޯލްޑިވްސް، އެޓްމޮސްފިއަރ ފައުންޑޭޝަން، އައިކެއަރ އަދި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ތިނަދޫ ސިޓީގައި ކުރިއަށްގެންދިޔަ ކެޓަރެކްޓް ސާޖަރީ އައި ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަހުގެ 26 އިން 28 އަށް ކުރިއަށްގެންދިޔަ މި އައި ކޭމްޕަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް ޚާއްޞަކޮށްގެން، ލޮލުގެ ފަރުވާއާއި ކެޓަރެކްޓް ސާޖަރީގެ ޚިދުމަތް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވި ކޭމްޕެއް ކަމަށް އައިކެއަރ އިން ބުނެއެވެ.
އޭޖްޑް ކެއާ މޯލްޑިވްސް އިސްނަގައިގެން، އެޓްމޮސްފިއަރ ފައުންޑޭޝަންގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގައި އައިކެއާ ހޮސްޕިޓަލާއި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. މި ކޭމްޕުގައި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްދެއްވީ އައިކެއާ ހޮސްޕިޓަލުގެ ޕީޑިއަޓްރިކް އޮފްތަލްމޮލޮޖީ އަދި ކެޓަރެކްޓް ސާޖަރީގެ ޚާއްޞަ ޑޮކްޓަރު، ޑރ. އަރްޖުން މައްލާއެވެ. އަދި މި މަސައްކަތުގައި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކްލިނިކަލް ޓީމުން ބައިވެރިވެ، ފެސިލިޓީތަކާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އައިކެއަރ އިން ބުނީ މި ކޭމްޕުގެ ތެރެއިން އުމުރުން ދުވަސްވީ 9 މީހެއްގެ ކެޓަރެކްޓް ސާޖަރީ ކާމިޔާބުކަމާއެކު ވަނީ ފުރިހަމަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ކުރިން ރަޖިސްޓްރީވި ފަރާތްތަކާއި އާންމުން ހިމެނޭހެން ޑޮކްޓަރުގެ ކޮންސަލްޓޭޝަން އަދި ލޮލުގެ ނަންބަރު ޗެކްކުރުމުގެ (ރިފްރެކްޝަން) ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށާއި، އޮޕަރޭޝަން ކުރެވުނު ފަރާތްތަކަށް އޮޕަރޭޝަނަށް ފަހު ބޭނުންވާ އިރުޝާދުތަކާއި ބޭސް ހިލޭ ފޯރުކޮށްދީފައިވާ ކަމަށް ވެސް އައިކެއަރ އިން މައުލޫމާތުދެވެ.
މި ކޭމްޕާއި އެކު ސާޖަރީ ހެދި އުމުރުން ދުވަސްވީ ފަރާތްތަކަށް ފަރުވާ ހޯދުމަށް ރަށުން ބޭރަށް ކުރަންޖެހޭ ދަތުރުތައް ހުއްޓުމަކަށް އައިސް، އާއިލާގެ ގާތުގައި ތިބެގެން ލުއިފަސޭހަކަމާއެކު ފަރުވާ ލިބިގެންދިޔަކަން އައިކެއަރ އިން ފާހަގަކުރެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ފޯރުކޮށްދިނުމަށް އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގައި އައިކެއަރ އިން އަބަދުވެސް ދެމިއޮންނާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.